އަތޮޅުތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އަތޮޅު ހޮސްޕިޓަލު އަދި ސިއްހީ މަރުކަޒުތަކުގެ މަންދޫބުންނާ އެންބިއުލަންސްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ސިއްހީ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. މިނިސްޓަރު ނާޒިމް ވިދާޅުވީ އެމްބިއުލާންސްގެ ޚިދުމަތް ނުދެވުމަކީ ގިނަ ރަށްރަށުގައި ދިމާވާ މައްސަލައެއް ކަމަށާއި، ނަމަވެސް މިހާރު ހަވާލު ކުރެވޭ އެމްބިއުލަންސްތަކާއެކު މިމައްސަލައަށް ހައްލު ލިބޭނެ ކަަމަށް އުންމީދު ކުރާ ކަމަށެވެ.
މީގެ އިތުރުން ވެސް މި އަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތް ފަށާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިއީ 65.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްބިއުލަންސްގެ ޚިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 56 އެމްބިއުލަންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގަ އެވެ. ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލްއިން ވަނީ މިމަހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެއަށް ގެނެސްފަ އެވެ. ނަމަވެސް މިމަސައްކަތާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެމްޕީއެލްއަށް ވަނީ އަމާޒުވެފަ އެވެ. އެމްޕީއެލްގެ މެންޑިޑޭޓުގައި ނުހިމެނޭ މަސައްކަތްތައް ކުރަމުންދާއިރު، މާލޭގެ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ބޮއްސުންލައި، އެތަނުގައި ހިތާމަވެރި ހާދިސާތައް މިފަހުން ވެސް ވަނީ ހިނގާފަ އެވެ.
މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސިއްހީ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުން ދަނީ ކުރަމުންނެވެ. މިފަހުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ އިހުމާލުން ތުއްތު ކުއްޖަކު މަރުވި މައްސަލާގައި އިހުމާލު އޮތް ކަމަށް އިއުތިރާފްވެ، އެ ހޮސްޕިޓަލުން އާއިލާގެ ކިބައިން މައާފަށް އެދިފައިވެ އެވެ. މީގެ އިތުރުން އާއްމުކޮށް ލިބޭ ބޭސް ނުލިބޭ މައްސަލަ ވެސް ވަނީ ބޮޑު ވެފަ އެވެ.