ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަން ކުރުމުގެ ނިޒާމު ބައްޓަން ކޮށްދިނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް އައްޑޫ ސިޓީ ގެ މޭޔަރު އަދި މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ "ފަށާއިރު" ޕްރޮގްރާމުގައި ދެއްވި ހާއްސަ އިންޓަވިއު އެއްގައި ނިޒާރު ވިދާޅުވީ، ރައްޔިތުން ބާރުވެރިކޮށް، ގާތުން ވެރިކަން ކުރުމުގެ ނިޒާމު ބައްޓަން ކޮށްދިނީ އެމްޑީޕީ އިން ކަމަށާއި އަދި އެ ސިޔާސަތު އޮތީ ވެސް އެމްޑީޕީ އަތުގައި ކަމަށެވެ. އަދި ރައްޔިތުން އެމްޑިޕީ އަށް އަދިވެސް އިތުބާރު ކުރާ ކަމަށާއި ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ބޮޑަށް ގަބޫލުކުރެވެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ގައި ރައްޔިތުން ތިބޭނީ އެމްޑިޕީ އާއި އެކީގައި ކަމަށެވެ.
ނިޒާރު ވިދާޅުވީ އެމްޑިޕީގެ ފިކުރާ ދެކޮޅު ބަޔަކު ވެރިކަމަށް އައިސް ކޮންމެ ފަހަރަކު ލާމަރުކަޒީ ގާނޫނު ކޮށާލާ ކަމަށެވެ. އަދި ރާއްޖޭގެ ތާރިހުގައި މިހާވަރަށް މި ނިޒާމު ހަލާކުކޮށްލި ވެރިކަމެއް ނާންނަކަން ފާހަގަ ކުރައްވާ ނިޒާރު ވިދާޅުވި އެކަން އެގޮތަށް އެ ކުރައްވަނި އަތޮޅު ކައުންސިލް ތަކުގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ. އޭގެއިތުރުން އަތޮޅު ކައުންސިލް އުވާލާފައިވަނީ މިކަމުގެ ތަޖުރިބާކާރުންނާއި ވެސް އެއްވެސް މަޝްވަރާކުރުމެއް ނެތި ކަމަށް ނިޒާރު ވިދާޅުވި އެވެ.
އަތޮޅުތަކަށް އަޅުގަނޑުމެން ތަޖުރިބާ ކުރާ ފެހި ގާނޫނު އަސާސީ ތެރެއިން މި ލިބުނު ހައްގުތަކާއި މިނިވަންކަމާއި އަދި މި ތަރައްގި އަށް ކޮށާލެވުނު މަގުތަކުގެ ތެރެއިން ރައްޔިތުންނަށް، އަތޮޅުތަކުގެ ރައްޔިތުންނަށް ލިބުނު އެންމެ ރަނގަޅު އެއް އެކަށްޗަކީ ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް ހާއްސަކޮށް ރަށްރަށުގެ ރައްޔިތުންނަށް ވެރިކަން ކޮށްދިނުމުގެ ނިޒާމު އެއީ މި ކައުންސިލް ތަކުގެ ނިޒާމު. މިއީ އެމްޑީޕީގެ އެއްޗެއް.އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު
މީގެއިތުރުން ނިޒާރު ވިދާޅުވީ، އައްޑޫސިޓީ ގެ ތާރީހުގައި ވެސް ބިމުގެ ކުލިން މުސާރަ ދޭންޖެހޭ ހަމައެކަނި ފަހަރަށް މިއަހަރު ވެގެން ދާނެ ކަމަށެވެ. ސަބަބަކީ މި ސަރުކާރުން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ފަހު އެ މުސާރަ ސަރުކާރުން ފޯރުކޮށް ނުދިނުމުން ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި ކައުންސިލް އަށް އާމްދަނީ އެއް ލިބެނީ ބިމުގެ ކުލިންކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ، ބިމުގެ ކުލިން މުވައްޒަފުންނަށް މުސާރަ ދޭންޖެހޭ ހިސާބަށް މިސަރުކާރުން ކަންކަން ގެންގޮސްފައިވާ ކަމަށެވެ.
ނިޒާރު ވިދާޅުވީ ކައުންސިލް ތަކުގެ ބާރުތައް ނުނަގާ ބާރުތައް ދީގެން ކައުންސިލްތައް ފަންގްޝަން ކުރެވޭގޮތް ހަދައިދިން ރިޔާސީ ދައުރަކީ މިދިޔަ ދައުރު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލް ތަކަށް އާމްދަނީ އިތުރުވެ ގާނޫނުގެ ތެރެއިން ކަންކަން ކުރަން ފަސޭހަވެގެން ދިޔަކަން ނިޒާރު ފާހަގަ ކުރެއްވި އެވެ.