ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ އަމިއްލަ އިހުތިޔާރު ލިބިފައިވާ ސަރަހައްދެއް ކަމަށްވާ ގްރީންލޭންޑް، އެމެރިކާގެ އިހުތިސާސްގެ ދަށަށް ގެންދިއުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ރޭވުންތަކާ ދެކޮޅަށް، އެ ގައުމުގެ ވެރިރަށުގައި ހޮނިހިރު ދުވަހު އެތައް ހާސް ބަޔަކު ނުކުމެ އިހުތިޖާޖުކޮށްފި އެވެ.
މި މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ބޮޑުވަޒީރު ޖެންސް ފްރެޑްރިކް ނީލްސަން ވެސް ހިމެނިވަޑައިގަންނަވާއިރު، އޭނާ ހުންނެވީ ގްރީންލޭންޑުގެ ދިދަ ހިއްޕަވައިގެންނެވެ. ވާރޭގެ ތެރޭގައި ކުރިއަށްދިޔަ މި މުޒާހަރާގައި ބައިވެރިން ވަނީ އަޑުގަދަކޮށް ތަފާތު ޝިއާރުތައް ގޮވައި، ނުރުހުން ފާޅުކޮށްފަ އެވެ.
އޭއެފްޕީ ނޫސް އެޖެންސީގެ ރިޕޯޓަރުން ފާހަގަކޮށްފައިވާ ގޮތުގައި، މުޒާހަރާގެ ގިނަ ބައިވެރިން ތިބީ ޓްރަމްޕްގެ މަޝްހޫރު "މޭކް އެމެރިކާ ގްރޭޓް އެގެއިން" ޝިއާރަށް ނިސްބަތްކޮށް، "މޭކް އެމެރިކާ ގޯ އަވޭ" ޖަހާފައިވާ ތޮފި އަޅައިގެންނެވެ.