ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލަ ބަލަމުން ދިޔަ ހައިކޯޓުގެ ބެންޗު ބަދަލުކޮށް، އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.
މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާ ނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ތެރެއިން އުފެދުނު މައްސަލަ އެއްގެ އިސްތިއުނާފު އަޑުއެހުމެކެވެ.
މި މައްސަލަ ހައިކޯޓު ގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ކުރިން ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން ޝަހީދު އެވެ. ނަމަވެސް ޝަހީދު ސުޕްރީމް ކޯޓަށް ޕްރޮމޯޓް ކުރުމާއެކު މައްސަލަ އޮތީ ހުއްޓިފަ އެވެ. ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުން، ޝަހީދުގެ ބަދަލުގައި މިހާރު މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ދާދި ފަހުން ހައިކޯޓަށް އައްޔަން ކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އެވެ. ބެންޗުގައި ދެން ހިމެނެނީ ކުރިންވެސް ބެންޗުގައި ހިމެނުނު ފާތިމަތު ފަރްހީޒާ އަދި ދީބާނާޒް ފަހުމީ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ބޭއްވި އިރު، އެ ދުވަހު ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަހީދު އިއުލާން ކުރެއްވީ މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.
އެ ފައިސާ ހޯދުމަށް ރައީސް ޔާމީން ދަށު ކޯޓުގައި ދައުވާކުރި މައްސަލަ މިހާރު ހައިކޯޓުގައި އޮތްއިރު، ބޭންކް އޮފް މޯލްޑިވްސް އާއި ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ވަނީ މީގެ ކުރިން ޝަރީއަތުގައި ބުނެފަ އެވެ. ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީ އާއި ދެކޮޅަށެވެ.
ބޭންކުން އިޖްރާއީ ނުކުތާއެއް ނެގީ އެ ދައުވާ ބޭންކު ގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ދެން ދިޔައީ ހައިކޯޓަށެވެ.
ހައިކޯޓު ގައި ބީއެމްއެލް ގެ ވަކީލުން ބުނީ އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި، އެ ބޭންކަކީ އެ ކޮންޓްރެކްޓްގައި ނުހިމެނޭ ބައިވެރިއެއް ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުތަކުން ކުރިން ނިންމާފައިވާ ކަމަށް ވަކީލުން ބުންޏެވެ. ބޭންކުގެ ވަކީލުން ބުނިގޮތުގައި ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ އެ ފަރާތުގެ ހުއްދަ ނެތި އެހެން މީހަކަށް ދޫކުރުމުގެ ހައްގެއް ބޭންކަކަށް ނޯންނާނެ އެވެ.