ނ. އަތޮޅު ވެލިދޫ ޓަރޝަރީ ހޮސްޕިޓަލުގެ ބިންގާ އެޅުމަށްފަހު މި އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ބުނި އެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. 

ރާއްޖެޓީވީ އާ ވާހަކަދައްކަވަމުން އެރަށު ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވީ 2025 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެން ޓަރޝަރީ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައި ދެއްވާފައިވާ ކަމަށެވެ. ބިންގާ އެޅުއްވިތާ 6 މަސް ދުވަސް ފާއިތުވި އިރުވެސް ހުސް ބިމެއްގެ ގޮތުގައި އޮތް އެ ސަރަހައްދު މީގެ ކުރިން ބޭނުން ކޮށްފައިވަނީ ފުޓު ބޯޅަ ދަނޑެއްގެ ގޮތުގައި ކަމަށާ އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން އެ ދައުރުގައި އެއީ ސްޕޯޓްސް އެރީނާ އަކަށް ހެދުމަށް ކަނޑައެޅުއްވި ކަމަށެވެ. 

ނަމަވެސް އޭގެ ފަހުން ވެލިދޫ ލޭންޑް ޔޫޒް ޕްލޭންގައި ހިމަނައިގެން ކައުންސިލުން އެއީ ހޮސްޕިޓަލު ތަރައްގީ ކުރާނެ ބިމުގެ ގޮތުގައި އެ ބިން ކަނޑައެޅި ކަމަށް އާތިފް ވިދާޅުވި އެވެ. 

އެމަސައްކަތް ކުރީ ސަރުކާރުން ފައްޓާފަ ވަނިކޮށް ސަރުކާރު ބަދަލުވީ. ފާހަގަކޮށްލަން މި ހޮސްޕިޓަލުގެ މަޝްރޫއުއަކީ ވެލިދޫގެ ހުރިހާ ރައްޔިތުން އެންމެ ބޮޑަށް އުއްމީދުކުރާ، އެންމެ ބޭނުންވާ އެންމެ މުހިއްމު އެއް ކަންތައް. ރިޔާސީ އިންތިޚާބަށް އައި އިރުގަ މި ސަރުކާރުން ބުނަމުން ދިޔައީ ތިމަންނާ މެންނޭ ހޮސްޕިޓަލް އަޅާނީ. އައިސްފަ ބާރު މިނުގައި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދާނަމޭ، 
ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން

އާތިފް ވިދާޅުވީ އާރްޑީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާއިރު އެއީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް އެއްބަސްވެ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބިމެއް ކަމަށެވެ. ނަމަވެސް އެތަނުގައި އެއްވެސް މަސައްކަތެއް ނުހިނގާ ކަން އޭނާ ފާހާގަކުރެއްވި އެވެ. މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ސަރުކާރުން އެ ކުންފުންޏާ އެ މަޝްރޫއު ހަވާލު ކޮށްފައިވަނީ 523 ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމުމަށެވެ. 

އެމްޑީޕީ ސަރުކާރުން 2023 ވަނަ އަހަރު ވަނީ ކުވައިތު ފަންޑުގެ އެހީގައި ޓަރޝަރީ އެހެން ހޮސްޕިޓަލެއް އެޅުމުގެ ޕްރޮޖެކްޓެއް ހިންގަން ނިންމާފަ އެވެ. އެކަން ސަރުކާރު ބަދަލުވުމަށްފަހު ކުރިއަށް ނުގޮސް ހުއްޓިފައި ވަނިކޮށް ފަހުން ކުވައިތު ފަންޑުން ވަނީ އެ ފަންޑު އަނބުރާ ގެންގޮސްފަ އެވެ. 

މަޝްރޫއުގެ ބިންގާއެޅިތާ 6 މަސް ދުވަސް ވިއިރު އެއްވެސް ކަމެއް ކޮށްފައި ނުވާކަން އެރަށު ރައްޔިތުން ފާހަގަކުރަނީ ނުހަނު ބޮޑު ކަންބޮޑުވުމާއެކުގަ އެވެ.