ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަވަމުން ކަމަށް  ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ ގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ 'ފަސް ކާފު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މި ސަރުކާރުން ރާއްޖެއަށް ތަރައްގީ ގެންނަނީ އުވަ ދޯންޏެއް ހިފައިގެން އެކި ތަންތަނަށް ގޮސް ބޭނުންހާ ތަނެއްގައި ބިންގާ އަޅައިގެން ކަމަށެވެ. އެތަންމިތާ ބިންގާ އެޅުއްވުމަށް ފަހު މުއިއްޒު ސަރުކާރުން އެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް މިހާރު ވިދާޅުވާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. 

ފަލާހު ވިދާޅުވީ މި ސަރުކާރަކީ ހީލަތްތެރި ސަރުކާރެއް ކަމަށެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ވެސް މި ސަރުކާރުން އެތައް ވާހަކައެއް ދައްކާ އެތައް ބައިވަރު ދޮގެއް ހެދި ކަމަށެވެ. ނަމަވެސް އާޚިރުގައި ވިދާޅުވި ހުރިހާ ވައުދެއް ވެގެން ދިޔައީ ބިލާހަކަށް ކަމަށް ފަލާހު ވިދާޅުވި އެވެ. 

އަޅުގަނޑަށް އަޑު އިވުނު އައްޑޫ މޭޔަރު ވިދާޅުވި 14 ޕްރޮޖެކްޓެއްގެ ބިންގާ އެޅި ވާހަކަ. އެއީ ކައުންސިލުން އެއްބާރުލުން ނުދޭތީ ތޯ. އެކަންކަން ވެސް ހުއްޓި، އެކަންކަން ވެސް ކުރިއަށް ނުގޮސް އެއޮތީ ހަމަ މި ސަރުކާރުގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިން. ކައުންސިލް އިންތިޚާބާ ދިމާކޮށްވެސް ހީލަތްތެރި ރޭވުންތަކެއް ދަނީރާވަމުން. އަޅުގަނޑުމެންނަށް ފެނުނު ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކޮށް ވެސް އެތަށް ބައިވަރު ދޮގެއް ހަދައި، އެތަށް ބައިވަރު ވާހަކައެއް ދެއްކިތަން. އެކަންކަން ވެސް ހަމަ ބިލާހަކަށް ވެގެން ދިޔައީ، 
މުހައްމަދު ފަލާހު 

ފަލާހު ވިދާޅުވީ ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ވެސް މި ސަރުކާރުން ހީލަތްތެރި ރޭވުންތަކެއް ރާވަމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުން މިކަންކަމަށް ސަމާލުވާން ޖެހޭ ކަމަށް ފަލާހު ވިދާޅުވި އެވެ. 

ސަރުކާރުން ރަށްތަކުގައި ހިންގަން މިހާރު ވެސް ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް މުއިއްޒު ވަނީ މި ފަހުން ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވި ނަމަވެސް  ކައުންސިލްތަކުގެ އިހްތިސާސު ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނަސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.