މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ބ.ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ދެ ވަނަ ފަހަރަށް ބާއްވަން ނިންމައިފި އެވެ. 

ފެހެންދޫ ކައުންސިލް މެންބަރުކަމުގެ ގޮނޑިއަށް ވާދަ ކުރެއްވީ އަލީ ވަހީދުގެ އިތުރުން އަލީ ޝައުފާން އެވެ. 25 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާއިރު، ވޯޓުލާފައިވަނީ 12 މީހުންނެވެ. އެއީ މާލޭގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް އެކަކު ވޯޓު ލާފައިވާއިރު، އަނެއް 11 މީހުން ވޯޓު ލާފައިވަނީ އެރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށެވެ.

މި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާއި ގުޅިގެން ރާއްޖެއެމްވީއަށް އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ ގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ ފެހެންދޫގެ ވޯޓު އެއްވަރު ވެފައިވާތީ މިހަފްތާ ތެރޭގައި އަލުން އިންތިޚާބު ބާއްވާނެ ކަމަށެވެ. 

ފަލާހު ވިދާޅުވީ ހުކުރު ދުވަހު ބޭއްވިގެން ދިޔަ އިންތިޚާބަކީ ހުރިހާ ގޮތަކުން ވަރަށް ފުރިހަމަ އިންތިޚާބެއް ކަަމަށާއި، ޑިމޮކްރަސީގެ ރީތި މިސާލު ދައްކާދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެމްޑީޕީން މަސައްކަތް ކުރާނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ މައްޗަށް ކުރި ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.