ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 40 ކިލޯ ގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފި އެވެ.  

މި މައްސަލައިގައި ހައްޔަރުކުރީ، ހއ. ހޯރަފުށީ، އާފިޔާ، އަހުމަދު އަލީ (47އ) އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް (57އ) އެވެ. އަހުމަދު އަލީ 26 ޑިސެންބަރު 2025 ގައި ހައްޔަރުކޮށް ބަންދަށް 10 ދުވަސް ވަނީ ޖަހާފަ އެވެ. އަދި އާދިލް 27 ޑިސެންބަރު 2025 ގައި ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އަހުމަދު އަލީގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަސް ކަމަށް ކުރިން ބުނެފައި ވަނީ އޮޅުމަކުން ކަމަށެވެ. އަދި ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އާދިލްގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ބަންދުގެ މުއްދަތު ހަމަވާތީ، މިމަހުގެ 16 ވީ ހުކުރު ދުވަހު، އާދިލް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ. އަދި އަހުމަދު އަލީގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިމަހުގެ 5 ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. އޭނާ ގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 20ގެ ނިޔަލަށެވެ.

މިތަކެތި ރާއްޖެ އަށް އެތެރެ ކޮށްފައި ވަނީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގަ އެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މި މައްސަލާގައި ހައްޔަރުކުރި އާދިލް އެވެ. އަދި އަހުމަދު އަލީ އަކީ ރާސް މޯލްޑިވްސްގެ މުދާ ކްލިއަރ ކުރުމަށް އެ ކުންފުނީގެ ފަރާތުން ދާނެ ކަމަށް އީ-މެއިލުން ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އެންގި މީހާ އެވެ.

ކަސްޓަމްސް އިން މައުލޫމާތު ދޭ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 30 މިލިޔަން ރުފިޔާ އަށް ވުރެ އިތުރުވާނެ އެވެ. ޗޮކްލެޓް ސިރަޕް ފުޅިތަކެއް ކަސްޓަމްސްއިން އަތުލައިގަތީ، އެ ފުޅިތައް ބަލައި ފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަ ވުމުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 25 ޑިސެންބަރު 2025 ގަ އެވެ.

މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައި ވަނީ ހަޝިޝް އޮއިލަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދޭތެރެދޭތެރެއިން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ މައްސަލަތައް ފެންމަތިވެ އެވެ. މިހާރު ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން އަލިމަގުން ވެސް، ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.