ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ މިއަދުގެ ރައީސްގެ މުޅި ވިސްނުން އޭގެ މައްޗަށް ބިނާވާ ކަންތައް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ޝާހިދު މިހެން ވިދާޅުވީ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލުމަށް ފަހު، ނުކުމެ ވަޑައިގެން ދެއްވި އިންޓަވިއުގަ އެވެ.  ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީއަކީ އަބަދުވެސް ވޯޓުން ކަންކަން ނިންމަން ފަރިތަ ޕާޓީއެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އެމްޑީޕީން މިއަދު ކުރަމުން ދާ މަސައްކަތަކީ އަޅުގަނޑުމެންގެ ސަފުތައް ރުކުރުވާލުމުގެ މަސައްކަތް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

''އަޅުގަނޑުގެ އެދުމަކީ މި ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންގެ ފަހަތްޕުޅުގައި ހުރިހާ ބޭފުޅުން ނުކުމެ ވަޑައިގެން ޓީމުތަކާއެކުގައި ނުކުމެވަޑައިގެން އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތް ހުދުމުހުތާރު އަނިޔާވެރި ދޮގާއި ފަސާދާއާއި ކޮރަޕްޝަންގެ ސަރުކާރު ބަލި ކޮށްލުމަށް އަތުގުޅާލުން.'' އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އެމްޑީޕީ އިން އެކުގައި ނުކުމެ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ގޮވާލައްވާފަ އެވެ. ކުރިއަށް އޮތީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ކާމިޔާބު ކުރަން ލިބޭނެ ފަހު އިންތިޚާބު ކަމަށް އޭނާ ވިދާޅުވި އެވެ.