ހިތްވަރު ލިބެނީ އެމްޑީޕީ ގެ ފަރާތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ލިބޭ ލޯތްބާއި ކުރާ އިހުތިރާމާ ދޭ ގަދަރުގެ ސަބަބުން ކަމަށް މާލެ ސިޓީ ގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ކާމިޔާބުކުރެއްވީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް އެވެ. އާޒިމަށް މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ ލިބުނު ކާމިޔާބީ އަކީ މުޅި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ އެއް ކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީ އަކީ އަބަދުވެސް ވާދަވެރި އިންތިޚާބުތައް ބާއްވައިގެން ކުރިއަށް ދާ ޕާޓީ އެއް ކަމަށާ މިއަދު އެމްޑީޕީ ގަ ހުރި ސަބަބަކީ ވެސް އެއީ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އާޒިމް ވިދާޅުވީ މިގޮތަށް އިންތިޚާބުތައް ބޭއްވުމަކީ ޕާޓީ ވަރުގަދަވާ ކަމެއް ކަމަށެވެ.

އަޅުގަނޑާ ވާދަކުރެއްވި ފަރާތަށް ވެސް ވެސް މަރުހަބާ ދަންނަވަން. އަޅުގަނޑު އެދެނީ އެބޭފުޅުން އަޅުގަނޑާ އެއްކޮށް މަސައްކަތް ފަށައި ދެއްވާ އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތް ކޮށް މާލެ ސިޓީ މޭޔަރު ކަމާ ސިޓީ ކައުންސިލް އަދި މުޅި ރާއްޖޭގެ ކައުންސިލް އެއްކޮށް އެމްޑީޕީ އަށް ނެގުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް. އަލީ އާޒިމް އަޅުގަނޑަށް ގުޅާފަ މަރުހަބާ ދެންނެވި. އެކަމަށްޓަކައި އަލީ އާޒިމަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދުނިން އަލީ އަރިހުން ހިނގާށޭ އެއްކޮށް މަސައްކަތް ކޮށް، އަޅުގަނޑުމެން އެންމެން މަސައްކަތް ކޮށް، އެމްޑީޕީ ގަ ކުރީގަ އޮތް ރޫހު އާލާކޮށް، އެ ރޫހާއެއްކޮށް ކުރިއަށް ގޮސް މި އަނިޔާވެރި، މަކަރުވެރި ވައްކަމުގަ ޖެހިފަ އޮތް ސަރުކާރު މައިތިރި ކުރަން މަސައްކަތް ކުރަން. އެ މަސައްކަތް ކުރިއަށް އޮތް ތަނުގަ ކުރާނަން.
 މާލެ ސިޓީ ގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ އެމްޑީޕީ އިން ކުރާ މިކުރާ މަސައްކަތަކީ ޑިމޮކްރަސީ ހަރުދަނާ ކޮށް މި ގައުމަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން މި ގައުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ކަމުން ރަނގަޅު މާލެ އެއް އަދި ގައުމެއް ހޯދައިދިނުމަށް އެމްޑީޕީއާއެކު މަސައްކަތް ކުރުމަކީ ވިސްނުން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ އެމްޑީޕީ ގެ މުޅި ލީޑަރޝިޕުން އަބަދުވެސް ދެމުންދާ ހިތްވަރާ ކުރާ އިތުބާރަށް ޝުކުރު ދަންނަވާފަ އެވެ. އާޒިމް ވިދާޅުވީ ޕާޓީ އާ ގުޅުނު ދުވަހުން ފެށިގެން ވެސް މުޅި ޕާޓީ އިން ދެމުންދާ ލޯތްބާއި އިހުތިރާމާ ގަދަރަކީ ދުވަހަކުވެސް ހިތުން ފޮހެވޭނެ ކަންކަން ނޫން ކަމަށެވެ. އަދި އެކަމުން ހިތްވަރު ލިބޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. 

އާޒިމް ވަނީ އަބަދުވެސް އެމްޑީޕީ ކުރިއަށް ގެންދިއުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީގެ އެންމެހާ މެންބަރުންނަށް ވެސް އަރުވާފަ އެވެ. އާޒިމް ގެ ވާހަކައިގައި ވަނީ އާޒިމް އަށް ވޯޓު ދެއްވާ، ކެމްޕެއިން ކުރެއްވުމުގައި އަދި ސަޕޯޓު ދިން އެންމެނަށް ޝުކުރު އަދާކުރައްވާފަ އެވެ.