ހުކުރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް މިހާރު ގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން އޭނާ އާއި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އަލީ އާޒިމް އޭނާ ގެ ފޭސްބުކް އެކައުންޓުގައި، އާދަމް އާޒިމް އަށް ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވާ ވީޑިއޯ އެއް ވަނީ ހިއްސާކޮށްފަ އެވެ. އަލީ އާޒިމް ވަނީ އެމްޑީޕީ އަށް އަބަދު ވެސް އެދިވަޑައިގަންނަވަނީ ކާމިޔާބަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.

އޭނާ ގެ ކިބައިން މޭޔަރ އާޒިމް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. ޖަވާބުގައި އަލީ އާޒިމް ވަނީ އާދަމް އާޒިމް އަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އަލީ އާޒިމްގެ މައްޗަށް އާދަމް އާޒިމް ވަނީ ކުރި ހޯއްދަވާފަ އެވެ. މާލޭގެ 17 ދާއިރާއެއްގެ ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.