ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ. 

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ޕްރައިމަރީ ގައި މާލެ ސިޓީގެ މޭޔަރު ކަމަށް ޕްރައިމަރީ ގައި ވާދަކުރެއްވީ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އަލީ އާޒިމް އެވެ. 

މިހާތަނަށް ގުނާފައިވާ ނަތީޖާތައް ދައްކާ ގޮތުން އަލީ އާޒިމްގެ މައްޗަށް އާދަމް އާޒިމް ކުރި ހޯއްދަވާފައިވަނީ 60 އިންސައްތައަށް ވުރެ މަތިންނެވެ. މާލޭގެ 17 ދާއިރާއެއްގެ ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ. 

އެމްޑީޕީގެ ޕްރައިމަރީގައި 2 އާޒިމް ވާދަ ކުރެއްވި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު  ސޯލިހް ތާއީދު ކުރެއްވީ އާދަމް އާޒިމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރެއްވީ އަލީ އާޒިމަށެވެ.