މިހާތަނަށް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އެމްޑީޕީ ގެ ޕްރައިމަރީގައި ވޯޓުލާން ނުކުންނަ މީހުން ގެ އަދަދު ރަނގަޅު ކަމަށާއި މި އިންތިޚާބުން ވެސް އެނގެނީ އެކުގައި ތިބުމުގެ މުހިންމުކަން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުން ގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

އޭނާ އެފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އެމްޑީޕީ ގެ ޕްރައިމަރީ އާއި ގުޅިގެން ކުރިއަށް ގެންދާ ރާއްޖެޓީވީގެ ކަވަރޭޖް އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. 

އޭނާ ވިދާޅުވީ އިންތިޚާބުގެ އިންތިޒާމުތައް ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތަށް ބެލުމުން ހިތްހަމަ ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އެނގިގެން ދަނީ އެކުގައި އޮންނަން ޖެހޭ ވަގުތުގައި އެކަތިގަނޑަކަށް ވާނެ ޕާޓީ އެއްކަން މި ޕާޓީ އަކީ. މި އިނގެނީ އެކުގައި ތިބުމުގެ މުހިންމުކަން."  ޣަފޫރު ވިދާޅުވި އެވެ.

އިންތިޚާބު އެހާ އޮމާންކަމާއި އެކު ކުރިއަށް ދަނީ ހުރިހާ ކެނޑިޑޭޓުންގެ އެއްބާރުލުމާއި އެކުގައި ކަމަށް ޣަފޫރު ވިދާޅުވި އެވެ. އިންތިޚާބުން ބަލި ވާ މީހުން ވެސް މޮޅުވާ މީހުންނާއި އެކު މަސައްކަތް ކުރުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީ ވޯޓުލުން ޖެނުއަރީ 16 ވަނަ ދުވަހު މެންދުރުފަހު 2:30ން ރޭގަނޑު 8:00ށް ކުރިއަށްދާނެ އެވެ. 

ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައ އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510ށް ވުރެ ގިނަ ކެންޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވެ އެވެ.

ޖުމްލަ 65 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ، މާލޭގައި އަތޮޅުތަކަށް ޚާއްސަކޮށްގެން ބަހައްޓާ 14 ފޮށި އަދި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށްޓާއި، މާލެއިން ބޭރުގައި ބަހައްޓާ 34 ވޯޓު ފޮށްޓެވެ.