ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެއްވެސް ވިޔަފާރިއަކަށް ފަސޭހައިން ޚިދުމަތެއް ހޯދާނެ ގޮތެއް ނެތް ކަމަށާއި، ގެސްޓް ހައުސް ހިންގުމުގެ ހުއްދައެއް ހޯދުމަށް ވެސް ނުބައި ގޮތަކަށް ނުބައި ދޮރުގައި ޓަކި ޖަހަން ޖެހޭ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފަލަސުރުހީ ޕްރޮގްރާމްގައި ސައުދުﷲ ވިދާޅުވީ މިސަރުކާރަށް އިގްތިސާދު ނޭނގޭ ކަމަށާއި، ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިކޮށްފައިވާ ކަމަށެވެ. މިއަދު ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރާ މީހެއް ނުވަތަ ވިޔަފާރިވެރިއެއް މިސަރުކާރު ނުވަތަ ރައީސް މުއިއްޒު ރަނގަޅޭ ނުވަތަ ސަރުކާރުގެ ތެރެއިން ފަސޭހައިން ޚިދުމަތްތައް ލިބޭ ބުނާނެ އެއްވެސް މީހަކާ ދިމާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސައުދުﷲ ވިދާޅުވީ، 5 އަހަރުގެ ދައުރަކަށް ވެރިއަކު އިންތިޚާބު ކުރަނީ ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވާން ނޫން ކަމަށާއި، ރައްޔިތުން ދައްކަމުންދާ ޓެކްސް ފައިސާއިން ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކޮށްދޭން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން ކޮޅަށް ތިބޭނެ ގޮތެއް ދައްކައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މިއަދު ހުރިހާ ކަމެއް ވަރަށް ދަތިވެފައިވާ ކަމަށާއި، ވިޔަފާރިވެރިންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތެއް ނެތް ކަމަށް ސައުދުﷲ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގެސްޓްހައުސްއެއް ހިންގުމަށް ހުއްދަ ހޯދުމަށް ވެސް ނުބައި ދޮރެއްގައި ޓަކި ޖަހަން މަޖުބޫރުވެފައިވާ ކަމަށެވެ.

އަޅުގަނޑަށް އެނގޭ އެއްޗަކީ ރާއްޖޭގައި ބޮޑެތި ވިޔަފާރިތަކަށް ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ގެސްޓްހައުސް ހިންގާ މީހާ އަށް ވެސް ފަސޭހަ އިން ކޮށްލެވޭނެ އެންމެ ކަމެއް ވެސް ދައުލަތުގެ ތެރޭގައި ނެތް ކޮށްލެވޭނެ އެންމެ ކަމެއް ވެސް ދައުލަތުގެ ނެތް. ކުޑަ މިނުން ގެސްޓް ހައުސް އަށް ހުއްދަ އެއް ހޯދަން އުޅުނަސް ނުބައި ގޮތަކަށް ނުބައި ދޮރުގައި ޓަކި ޖަހައިގެން ނޫން ގޮތަކަށް އެކަން ކުރެވޭކަށް ނެތް. އަޅުގަނޑުމެން 2018 އިން ފެށިގެން އެމްޑީޕީގެ ވެރިކަމެއްގައި އަޅުގަނޑުމެން ނުޖެހޭ ނާޖާއިޒް ގޮތުގައި ޓަކި ޖަހަން ދާކަށް ހުއްދައެއް ހޯދާކަށް. އެހެންނަމަވެސް މިއަދު ކޮންމެ ކަމެއް ކުރަން ޖެހުނަސް އެމްޑީއަކަށް ގުޅައިގެން ނުވަތަ މަޖިލިސް މެންބަރަކު ހޯދައިގެން އޭނާ އަށް ރިޝްވަތު ދީގެން އޭނާ ލައްވާ އެމްޑީ އަށް ގުޅުއްވައިގެން ނޫނީ އެކަމެއް ކުރެވޭކަށް ނެތް. 
މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ އަހުމަދު

ސައުދުﷲ ވިދާޅުވީ ވިޔަފާރި ކުރިއަރުވަން ބޭނުންވާ ކަމަށްވާ ނަމަ ވިޔަފާރިވެރިންނަށް ލުއި ފަސޭހަ ގޮތްތައް ގާނޫނާއި ގަވާއިދުގެ ތެރެއިން ލިބެން ޖެހޭ ކަމަށާއި، އިތުރު ވިޔަފާރިތައް އުފައްދާނެ މަގުތައް ދައުލަތުން ހޯދައިދޭން ޖެހޭ ކަމަށެވެ. 

ނަމަވެސް މިސަރުކާރުގައި މިފަދަ އެއްވެސް މިކަމެއް މިހާތަނަށް ފެނިފައިނުވާ ކަމަށާއި، އަބަދުވެސް ފެންނަމުންދަނީ ވިޔަފާރިވެރިންނަށް ދަތި ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވީ މިސަރުކާރާ މެދު މިހާރު މާބޮޑު އުއްމީދެއް ނެތް ކަމަށާއި، ރައީސް މުއިއްޒުގެ ވެރިކަމުގައި ކޮވިޑްފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ދުވަހަކު ވެސް މިގައުމު ހަމަ ނޭވާ ލާނެ ފުރުސަތު ނުލިބޭނެ ކަމަށެވެ. 

މީގެ އިތުރުން ސައުދުﷲ ވަނީ ވިޔަފާރިވެރިންނަށް ދަތިވާ ގޮތަށް ސިޔާސަތުތައް ބައްޓަން ނުކުރުމަށް ގޮވާލާފަ އެވެ. އަދި މިހާރު ދިމާވާ ދަތިތަކާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެދިފައިވެ އެވެ.