ދިވެހި ސިފައިންނާއި، ލަންކާ ސިފައިން އަދި އިންޑިއާ ސިފައިން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީނަކަށް އައި އިންޑިއާގެ އަސްކަރީ މަނަވަރެއް ފަރަށް އަރައިފި އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިައިވާ ގޮތުގައި އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ އެރީ ހުދުވެލި ފަރަށެވެ. މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ އެކްސަސައިޒް ދޯސްތީ ގައި ބައިވެރިވުމަށް ރާއްޖެ އައި އިންޑިއާގެ އައިސީޖީއެސް ވަޖްރާ ހުކުރު ދުވަހު ފުންކުރެވިފައިވާ ކަމަށެވެ. ފަރަށް އެެރީ ކޮން އިރަކުން ކަމެއް ހާމަކޮށްފައި ނުވެ އެވެ. 

މަންޒަރު ދުށް ފަރާތްތަކުން ބުނީ މަނަވަރު އޮތީ ވަރަށް ބޮޑަށް ފަރަށް އަރާފަ އެވެ. ވިލާ ނައުޓިކާ އަދި ގިލިލަންކަން ފުށި ހިންގަމުން އަންނަ ހުދުވެލި ފަރަށް މަނަވަރު އެރުމުން ލިބުނު ގެއްލުމެއް އެންވަޔަރަމަންޓަލް ރެގިއުލޭޝަން އޮތޯރިޓީ އިން ހާމަކޮށްފައި ނުވާ އިރު، އެ މައްސަލަ ބަލަމުން އަންނަ ކަމެއް އެ އިދާރާއަކުން ހާމަކޮށްފައި ނުވެ އެވެ. 

ރާއްޖޭގެ ފަރަށް އަރާ އުޅަނދުތަކުން ލިބޭ ގެއްލުން ބަލާ އެސެސްމަންޓް ހެދުމަށްފަހު އީއާރުއޭ އިން އެ އުޅަނދު ޖޫރިމަނާ ކުރަމުން ގެންދެ އެވެ. ނަމަވެސް މި ހާދިސާއާއި ގުޅިގެން އީއާރުއޭ އިން އަދި ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

އެމްއެންޑީއެފްއިން ބުނީ ދޯސްތީ އެކްސަސައިޒްގައި ބައިވެރިވުމަށް އިންޑިއާގެ ކޯސްޓް ގާޑުގެ ޑޯނިއަރ، އިންޑިއާ ކޯސްޓް ގާޑުގެ މަނަވަރު އަޓުލިޔާ އަދި ވަޖްރާގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑުގެ މަނަވަރު ސުރުނިމިލަ ރާއްޖޭ އައިސްފައިވާ ކަމަށެވެ.