ހުޅުމާލެ ފޭސް 2 ގައި ހުންނަ އެމްޕީއެލް ޓަވަރުގެ ފުލެޓެއްގައި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައި ފައިސާ ހޯދަމުން ދިޔަ ކަމުގެ ތުހުމަތުގައި ހަތަރު ފިރިހެނުން ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެމްޕީއެލް ޓަވަރުގެ ފުލެޓެއް ބަލައި ފާސްކޮށް، ރަހީނުކޮށްފައިވާ މީހާ ސަލާމަތްކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.  އެ މީހާ ސަލާމަތް ކޮށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު، އާއިލާ އާއި ހަވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ ޝުނީނު އަންވަރު އާއި ހުސެން ނާހީ ޖަމާލު އެވެ. އަދި ސ. މީދޫ އަށް ނިސްބަތްވާ އަޙްމަދު ލުޖައިން އާއި ތިނަދޫ ސިޓީ އަށް ނިސްބަތްވާ ސަރީޚު އަންވަރު ވެސް މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.

ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި ހަތަރު މީހުން ވެސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ކޯޓުން ނެރުނު އަމުރުގައި މި ހަތަރު މީހުން ވެސް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވަނީ 15 ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ.

ރަހީނުކުރުމުގެ މައްސަލަތައް މި ފަހަކަށް އައިސް ރާއްޖޭގައި އިތުރު ވަމުން އަންނަ ކަމަށް ފާހަގަކުރެވެ އެވެ. އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ މީހަކު ރަހީނުކޮށް، ބަރަހަނާ ކޮށްގެން ވީޑިއޯ ނަގައި ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށް، އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ.

މި ފަދަ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވެފައިވާ ކަން ފާހަގަކުރެވެ އެވެ.