ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ބ. ކިހާދޫގައި އިމާރާތްކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު، ހަވާލުވާނޭ ފަރާތެއް ނެތި ވީރާނާވަމުން ދަނިކޮށް، އެތަން އެންމެ ފަހުން އެމްއެންޑީއެފްގެ މަރުކަޒަކަށް ބަދަލުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ބުނީ ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަ ބުރު ގެންދާނީ ކިހާދޫ ސިފައިންގެ މަރުކަޒުގައި ކަމަށެވެ.

ބ. ކިހާދޫ ގައި 23500 (ތޭވީސް ހާސް ފަސް ސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިމެއްގައި ޤާއިމްކޮށްފައިވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) އަކީ، ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން 4 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ޤާއިމްކޮށްފައިވާ ސެންޓަރެކެވެ. އެ ރަށުގައި ހިންގި ޓިވެކް ސެންޓަރު މިހާރު ސިފައިންގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ ގޮތުން ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން އިތުރު ތަމްރީންތަކުގައި ބައިވެރިވާން ކުރިމަތިލި 66 ޒުވާނުން ވަނީ އިތުރު ތަމްރީނަށް ބުރާސްފަތި ދުވަހު ކިހާދޫ އަށް ގޮސްފަ އެވެ.

ނޭޝަނަލް ސާވިސް ގެ 66 ޒުވާނުން އިތުރު ތަމްރީނަށް ބ. ކިހާދޫ އަށް ފުރުން
މީގެ ކުރިން ރާއްޖެ އެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވީ، 2018 ވަނަ އަހަރު ހުޅުވައިގެން އަމިއްލަ ފަރާތަކުން ހިންގަންފެށި މި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުގެ ހިންގުން 2024 ވަނަ އަހަރު ވަނީ، އެ ކުންފުންޏަށް ދިމާވި މާލީ ދަތިތަކަކާއި ހުރެ ހުއްޓާލާފަ ކަމަށެވެ. އޭގެ ފަހުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން މި ސެންޓަރު ހިންގުމުގެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފައި ވީނަމަވެސް، އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް މި ސެންޓަރު ހިންގުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާކަމަށް ޝާފިއު ފާހަގަ ކުރެއްވި އެވެ.
އިމާރާތުގެ ބޭނުމެއް ނުހިފި ގިނަ ދުވަސް ވުމުގެ ސަބަބުން މި އަގުބޮޑު އިމާރާތް ވީރާނާ ވާން ފެށުމުން، މި ސެންޓަރާ ދޭތެރޭ ގޮތެއް ނިންމުން އަވަސް ކުރުމަށް އަދި މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް މުއިއްޒަށް ކިހާދޫ ކައުންސިލުން ވަނީ މީގެ ކުރިން ފެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ. މި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރަކީ ކިހާދޫ ގެ އިގްތިސާދީ ކުރިއެރުމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އިމާރާތަކަށް ވުމުން، ކިހާދޫ ކައުންސިލާ މި އިމާރާތް ހަވާލު ކުރުމަށް މީގެ ކުރިން ސަރުކާރުގައި އެދިފައިވާނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
ކައުންސިލްގެ ވިސްނުމަކީ ކައުންސިލަށް ވެސް އާމްދަނީއެއް ލިބޭ ގޮތަށް، އަލުން މި އިމާރާތުގެ ފައިދާ ރަށަށް ލިބިގެންދާނެ ގޮތަކަށް ކަންކަން ހަމަޖެއްސުން ކަމަށް ވެސް އޭރު ޝާފިއު ވިދާޅުވި އެވެ. ކިހާދޫގައި އިމާރާތް ކޮށްފައިވާ މި ސެންޓަރަކީ ރަށުގެ ތަރައްގީއާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކިހާދޫ ޓިވެކް ސެންޓަރުން ތަމްރީނު ފުރިހަމަ ކުރި ބައިވެރިންތަކެއް
މި ސެންޓަރުގައި ވަނީ މީގެ ކުރިން އެކި ކަހަލަ ކޯސްތައް ހިންގާފަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގެ ދަރިވަރުން މިކޯސްތަކުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލް ކޮށްފައިވާ ކަމަށްވެސް ޝާފިއު ފާހަގަ ކުރެއްވި އެވެ. އަދި މި ސެންޓަރު ހިންގަމުން ދިޔައިރު ރަށުގެ 40 ރައްޔިތަކު އެތަނުގައި ވަޒީފާ އަދާކުރަމުން ދިޔަކަމަށާއި، ތަން ބަންދު ކުރުމުގެ ސަބަބުން މި ހުރިހާ ފަރާތެއްގެ ވަޒީފާ މިހާރު ގެއްލިފައިވާ ކަމުގެ ކަންބޮޑުވުން ޝާފިއު ފާޅުކުރެއްވި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މި ސެންޓަރު ވީރާނާ ވާން ދޫކޮށްލާފައި ބޭއްވުމަށް ފަހު، އެންމެ ފަހުން އެ ތަން ސިފައިންގެ މަރުކަޒަކަށް ބަދަލު ކުރުމުން، ޝާފިއު ވިދާޅުވީ ޒަމާންތަކަކަށް ފަހު މި އިމާރާތް ބޭނުން ކުރެވެން ފެށުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި، އުއްމީދަކީ ދާއިމީ ގޮތެއްގައި މި ސެންޓަރުގެ ފައިދާ ދިވެހި ރައްޔިތުންނަށް ކުރުން ކަމުގަ އެވެ.