ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމުން އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި އެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނަށް ދިމާވާ ދަތިތައް ގިނަކަން ފާހަގަކޮށްފަ އެވެ. އަދި އެބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ މައްސަލަތަކާއި ދަތިތަކާއި ގުޅޭގޮތުން އެ ޑްރައިވަރުން ވަނީ ރައީސް އާއި މައުލޫމާތު ހިއްސާކޮށްފަ އެވެ. ވިޔަފާރި ބަނދަރުގެ އިންތިޒާމްތައް ދޯހަޅިވުމުން މުދާ އުފުލުމަށް ގިނަ ވަގުތު ހޭދަވުން ފަދަ ގިނަ މައްސަލަތައް ދިމާވަކަން މީގެ ކުރިން ވެސް ބައެއް ޑްރައިވަރުން ވަނީ މީސްމީޑީއާ އާއި މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފަ އެވެ.
އެ ފަރާތްތަކުން ރައީސް އާއި ހިއްސާކޮށްފައިވާ ކަންކަމުގެ ތެރޭގައި މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތަކަށް ބަނދަރާއި ކައިރި ސަރަހައްދަކުން ޕާކިންގގެ އިންތިޒާމުތައް ނެތުމުން ދިމާވާ ދަތިތައް ހިމެނެ އެވެ. މީގެ އިތުރުން ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ އުނދަގޫތައް ރައީސާއި ހިއްސާކޮށްފައި ވެ އެވެ.
ހަމައެހެންމެ ވެހިކަލްތަކަށް ސްޕެއަރ ގެނައުމުން އެތަކެތި ބޮންޑުކުރުމަކީ ވެސް މި ޑްރައިވރުންގެ ބޮޑު ޝަކުވާއެކެވެ. އަދި ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލު ގެނައުމަށް ކުރެވިދާނެ ކަންކަން ޑްރައިވަރުންގެ ފަރާތުން ހިއްސާކޮށްފައިވެ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރި ކަންކަމުގެ ތެރޭގައި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާއި އެއްގޮތަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވޭ އެޕްގެ މަސައްކަތް އަވަސްކުރުމާއި އައު އުޅަނދެއް އެތެރެކުރުމުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ ތެރެއިން މިހާރު ބޭނުންކުރާ ބާއުޅަނދު ނައްތާލުން ހިމެނެ އެވެ.
މީގެ އިތުރުން، އަލަށް ގެނައި އުޅަނދު ބާ އުޅަނދުގެ ބަދަލުގައި ރަޖިސްޓްރީކޮށްދިނުމަށް އިންތިޒާމްތައް ރަނގަޅުކޮށްދިނުމަށް އެ ޑްރައިވަރުން ވަނީ އެދިފަ އެވެ. ޑްރައިވަރުން އިތުރަށް އެދިފައިވާ ކަންކަމުގެ ތެރޭގައި ޑްރައިވަރުން ކުރާ މަސައްކަތަކީ އެހެން ވަޒީފާތަކާއި އެއްގޮތަށް ސަރުކާރުން ބަލައިގަންނަ ސައްހަ ލިޔެކިޔުމާއި އެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސާ ދިނުން ހިމެނެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ މުދާ އުފުލާ ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހާވެސް ރަނގަޅު ޙައްލެއް ހޯއްދެއްވާނެ ކަަމަށް ވިދާޅުވެފަ އެވެ. ވިޔަފާރި ބަނދަރުގައި ދިމާވާ ދަތިތަކުގެ ވާހަކަ މީގެ ކުރިން ވިޔަފާރި ވެރިން ވެސް ވަނީ ހިއްސާކޮށްފަ އެވެ. ވިޔަފާރިވެރިން ވަނީ ތަކުރާރުކޮށް މަސައްކަތްކޮށްގެން ވެސް ވިޔަފާރިވެރިންގެ ބަނދަރުގެ އިންތިޒާމުތައް ރަނގަޅު ނުވާ ކަމަށް ބުނެފަ އެވެ. ބުރާސްފަތި ދުވަހު ޑްރައިވަރުން ވެސް ހިއްސާކުރީ ދާދި އެއް ކަންބޮޑުވުންތަކެކެވެ.