އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކު ގެ އިންތިޚާބަށް ކެންޑިޑެސީ ފޯމް ހުށަހެޅޭނީ އޮންލައިންކޮށް ކަމަށާއި ކެންޑިޑޭޓުންނަށް ވުމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެެވެ.
އެޕްރީލް 4 ވަނަ ދުވަހު ބާއްވާ އެ އިންތިޚާބަށް ވާން ޖެހޭ އިދާރީ ތައްޔާރީތައް މިހާރު ވެސް ކުރިއަށް ދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުމެއްގައި ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އަމިއްލަ ފަރާތަކުން އިންތިޚާބަށް ކުރިމަތިލާ ނަމަ ވަކިވަކިން 50 މީހުންގެ ތާއީދުއޮތްކަން ޕޯޓަލް މެދުވެރިކޮށް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. ހަމައެހެންމެ ޕާޓީއެއްގެ ފަރާތުން ހުށަހަޅާ ކެންޑިޑެސީ އެއް ނަމަ ހުރިހާ ލިޔެކިޔުންތައް ފުރިހަމަވާން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ނޫން ހާލަތުގައި ޕޯޓަލް އިން އެ މަރުހަލާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޯމް ބަލައިގަނަންނާނީ ޑިޖިޓަލްކޮށް. އޮންލައިންކޮށް ފޯމު ހުށަހެޅުމުން ހުށަހެޅި ވަގުތު އެނގެން ހުންނާނެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ 12:00 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނެ. އޭގެ ފަހުން އެއްވެސް ފަރާތަކަށް އެޕްލިކޭޝަނެއް ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ." ޒާހިދު ވިދާޅުވިއެވެ.
ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ، ލޯކަލް ކައުންސިލް އިންތިޚާބުގައި 678 މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މި ފަހަރު އިންތިޚާބު ކުރާނީ 678 މީހުންނެވެ. އެހެންކަމުން މި އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެ އެވެ.
މީގެ އިތުރުން، މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާ އިރު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ސިޓީތަކުގެ ރައްޔިތުން ވޯޓުލުމަށް މާލެ ސަރަހައްދުގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އަދި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ. ހަމައެހެންމެ ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި އަދި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި 1 ވޯޓު ފޮށި، ސްރީލަންކާގެ ކޮލަމްބޯގައި 1 ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފަ އެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 294,937 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި، 150,410 ފިރިހެނުންނެވެ.