ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި, ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަމަށް އެ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް މިއަދު އިޢުލާނު ކުރައްވައިފިއެވެ.

މޭޔަރު އާޠިފް މިކަން އިޢުލާނު ކުރެއްވީ މިއަދު މީސްމީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގަ އެވެ. މި މެސެޖުގައި މޭޔަރ އާތިފް ވަނީ ރައްޔިތުންނާ މުހިންމު ފަސް ސުވާލެއް ކުރިމަތިކުރައްވާފަ އެވެ. މިގޮތުން ރަށުގައި މިހާރު އޮތް ޒަމާނީ އިދާރީ ހިންގުން ނިމުމަކަށް ގެނެސް, މަރުކަޒީ ވިސްނުމުގެ ބަޔަކު ކައުންސިލްގެ ގޮނޑިތަކަށް ހޮވާނީތޯ މޭޔަރު ސުވާލު އުފައްދާފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުން ކުޅުދުއްފުށީގެ ތަރައްޤީ ހުއްޓާލާފައި އޮތް ހުއްޓާލުމަށް ތާއީދުކޮށް އެމަގުން ވޯޓު ދީ, ރަށުގެ ރައްޔިތުންގެ އަތުގައި މިހާރު އޮތް ބާރު ސަރުކާރަށް ދޫކޮށްލައި, ވަޒީފާއާއި ފައިސާއާއި ނުފޫޒުގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހާނީތޯ މޭޔަރު ޢާޠިފް ގެ ވީޑިއޯ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

މި ސުވާލުތަކަށް ފަހު އާޠިފް ވިދާޅުވީ، " ނޫން ނޫން، އަޅުގަނޑުމެން އެގޮތަކަށް ނުރުހޭނަން،" މިހެންނެވެ. މޭޔަރ އާތިފް ފާހަގަކުރެއްވި ގޮތުގައި ކުޅުދުއްފުށީގެ އިދާރީ ހިންގުމުގެ ބާރު އޮންނަންވާނީ އެ ރަށުގެ ރައްޔިތުންގެ އަތުގަ އެވެ. އަދި ތަރައްޤީގެ ކަންކަން ރާވާ ހިންގަންވާނީ ރައްޔިތުން އެދޭ ގޮތަށް، އެމީހުންނަށް ނަފާވާނެ ގޮތަށް ކަމަށެވެ.

"އަޅުގަނޑު ތިޔަ ރައްޔިތުންނާ އެކީގައި އެ މަސައްކަތުގައި އަދިވެސް ހުންނާނަން، ހިންގަވާ. އަޅުގަނޑާއެކު ކުރިއަށް ހިންގަވާ. ކައުންސިލް ރަނގަޅަށް ހިންގޭނެ ވަރުގެ ޤާބިލު ޓީމެއް އަޅުގަނޑާއެކު ނިކުންނާނެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަޅުގަނޑުގެ ނަން ވޯޓު ކަރުދާސްތަކުގައި އިރާދަކުރެއްވިއްޔާ އޮންނާނެ."
މޭޔަރު އާތިފް

މޭޔަރު އާތިފް ތަރައްޤީގެ މަސައްކަތްތަކަށް ހުރަހެއް އެޅުނަ ނުދިނުމަށް ކުރައްވާ މަސައްކަތްތަކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ.