މާދަމާ ބާއްވާ އެމް.ޑީ.ޕީގެ އިންތިޚާބަށް ހުރިހާ ވޯޓުލާ މަރުކަޒުތަކެއް ފުރިހަމަ އަށް ތައްޔާރުކޮށް ނިމިފައިވާ ކަމަށާ އެދެނީ ހުރިހާ މެންބަރުން ވެސް ސުލްހަވެރިކަމާއެކު ވޯޓުލުމުގެ ކަންކަން ނިންމައި ދިނުމަށް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްގަފޫރު މޫސަ (ގަޕޯ) ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ތައްޔާރީތަކާއި ގުޅޭގޮތުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ގަފޫރު ވިދާޅުވީ އިންތިޚާބާ ގުޅޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި ހުކުރު ދުވަހު ހުރިހާ މެންބަރުން ވޯޓުލުމަށް ގޮސް އެބޭފުޅަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުލުމަށެވެ. 

ގަފޫރު ވިދާޅުވީ ވޯޓުލުން އޮންނާނީ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ން ފެށިގެން ރޭގަނޑު 8:00 އަށެވެެ. އަދި ވޯޓުލާ މަރުކަޒުތަކަށް މެންބަރުން ގޮސް އަވަހަށް ވޯޓުލުމަށް ހުރިހާ މެންބަރުންނަށް ވެސް އޭނާ ގޮވާލެއްވި އެވެ.

އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން، ހުރިހާ ކެނޑިޑޭޓުން ވެސް އަދި ހުރިހާ އެމް.ޑީ.ޕީގެ މެންބަރުންގެ ކިބައިން ވެސް މި އިންތިޚާބަކީ ސުލްޙަވެރިކަމާއި އަމާންކަމާ އެއްކޮށް ނިމިގެންދާނެ އިންތިޚާބެއްގެ ގޮތުގައި މިކަން ހަމަޖައްސަވައިދިނުމަށް. އަދި އެއާއެއްކޮށް ބަލިވާ ކެނޑިޑޭޓުން އަބަދުވެސް އަރަންޖެހޭނީ މޮޅުވާ ކެނޑިޑޭޓުންގެ ފަހަތަށް. އެއީ ޑިމޮކްރަސީގެ ރީތި ހަރުދަނާ ނަމޫނާއަކީ. އެހެންވީމާ، އެގޮތުގެ މަތީން ހުރިހާ ކަމެއް ގޮސް ނިމިދާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އަޅުގަނޑު އުއްމީދުކުރަން ހަމަ އަޅުގަނޑު ކުރިން ދެންނެވިހެން، މި އިންތިޚާބު ވަރަށް ފުރިހަމަކަމާއެކު ނިންމައި، އަދި ކާމިޔާބީ ކެނޑިޑޭޓުންނާ އެއްކޮށް ބާކީ ތިބި ހުރިހާ ކެނޑިޑޭޓުން ވެސް މަސައްކަތްކުރުން.  
— އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ)

ގަފޫރު ވިދާޅުވީ ވޯޓުލައި ނިމުމާ އެއްކޮށް އިދާރީ މަސައްކަތްތައް ކުރުމަށްފަހު ވޯޓު ގުނުން ފެށިގެންދާނެ ކަމަށާއި އިތުރު މައްސަލައެއް ދިމާނުވާ ކަމަށްވަންޏާ ވޯޓު ގުނުމުގެ މަސައްކަތް ހުކުރު ދުވަހުގެ ރޭގައި ނިމި ވަގުތީ ނަތީޖާ އިޢުލާނުކުރެވެމުންދާނެ ކަމަށެވެ. 

އެއްވެސް ފަރާތަކުން އުސޫލުން ބޭރުން އިންތިޚާބުގައި އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވަނީ ކެންޑިޑޭޓުން ވެސް އަދި ފޮށިތަކުގައި ތިބޭ ފަރާތްތަކުން ވެސް އަދި ސަޕޯޓަރުން ވެސް އަދި ހުރިހާ އެންމެން ވެސް އިންތިޚާބު ވީހާވެސް އޮމާން އަމާން ސުލްޙަވެރިކަމާ އެއްކޮށް ގެންގޮސް ނިންމާލަދެއްވުމަށް ގަފޫރު އެދިވަޑައިގެންނެވި އެވެ. 

އިންތިޚާބު ނެގުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެމް.ޑީ.ޕީ ގެ ހުރިހާ މެންބަރުން ވަރަށް ފޯރިއާ ޢަޒުމާއެއްކޮށް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑު އުއްމީދުކުރަން، މި ޤައުމަށް މި ވާގޮތް އެނގި، ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް މިފަހަރު ތިލަފަތަށް ވޯޓުދޭނެ ކަމަށް. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ، ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް އަށަގަތުމަށްޓަކައި ކުރަމުންދާ މަސައްކަތެއް. ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. މިހާރު މި އޮތް ސަރުކާރުގެ ޢަމަލުތަކާއި އަޅުގަނޑުމެން އޭރު ކުރި މަސައްކަތާ މި ހުރިހާ ކަމެއް. ރައްޔިތުންނަށް ވާ ދައްޗާއި ކަންކަން ބަދަލުކުރާ ގޮތާއި، އުސޫލުތަކާއި، އެ ކަންކަން ދެނެތިބެ މި އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް ވޯޓުލާނެ ކަމަށް އަޅުގަނޑު މި އުއްމީދުކުރަނީ. ހަމައެއާއެއްކޮށް އަޅުގަނޑުމެންނަށް ހަމަ އިސްކަމެއް ދީގެން މި ފަހަރު ވޯޓުދީގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް ނުފެނޭ މި ރާއްޖެ އަޅުގަނޑުމެން ގެންދަން ބޭނުންވާ ހިސާބަށް ގެންދެވޭ މަންޒަރެއް. 
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ) 

ގަފޫރު ވިދާޅުވީ މި އިންތިހާބަކީ ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް އަށަގަތުމަށްޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށާއި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އެހެންކަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް ތިލަފަތަށް ވޯޓުދިނުމަށް ގަޕޯ ވަނީ އެދިވަޑައިގެންފަ އެވެ.