ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން މާލީ ގޮތުން ދަތިވެ، ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށް ސާވިސް ޗާޖު ރުފިޔާbއިން ދޭން ނިންމައިފި އެވެ.
ބޭންކު ތަކަށް ޑޮލަރު މާރު ކުރުން، ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމު ކުރާ ބޭރު ފައިސާއާ ބެހޭ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
އޭރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން ދިޔައީ މި ބިލު ތަސްތީގު ނުކުރުމަށް ގޮވާލަމުންނެވެ. އެކަމުގެ ސަބަބުން ރިސޯޓުތަކަށް ވަރަށް ބޮޑަށް މާލީ ގޮތުން ދަތިވެ، އުދަނގޫވާނެ ކަމަށް އެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. މިސިޔާސަތާއެކު މުވައްޒަފުންނަށް ދަތިވާނެ ކަމަށާއި، ޑޮލަރުގެ ކަޅުބާޒާރު ނައްތާ ނުލެވޭނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވައި، ޑޮލަރު މާރު ކުރުން މަޖުބޫރު ކުރުވި އެވެ.
ސަން ސިޔާމް ގުރޫޕުގެ މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނީ، މި ގަވާއިދުގެ ސަބަބުން ކުންފުނީގެ ހިންގުމަށާއި މުވައްޒަފުންނަށް ކުރިމަތިވެދާނެ ދަތިތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެ މަޝްވަރާތަކުން މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
އެހެންކަމުން 1 ޖެނުއަރީ 2026 އިން ފެށިގެން އެ ގްރޫޕުގެ ހުރިހާ ރިސޯޓުތަކެއްގެ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ސާވިސް ޗާޖު ބަހާނީ ދިވެހި ރުފިޔާއިން ކަމަށް ބުނެފައިވެ އެވެ.
މި ނިންމުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، ސަން ސިޔާމް ކުންފުނިން މުއައްޒަފުންނަށް ޑޮލަރުން ދެމުންދިޔަ ސާރވިސްޗާރޖް ދިވެހި ރުފިޔާއިން ދޭގޮތަށް ނިންމި ނިންމުމަކީ ސަން ސިޔާމް ކުންފުނިން މިދިޔަ 25 އަހަރު ތެރޭގައި ނިންމި އެންމެ އުދަގޫ އަދި އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެން ނިންމި ނިންމުމެއް ކަމަށެވެ.
ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދަށް ގެނައި ބަދަލުތަކާއެކު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޓޫރިޒަމް ވިޔަފާރިތަކަށް ކޮންމެ މަހެއްގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު ނުވަތަ އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު މަގުން މާރުކުރަން މަޖުބޫރު ކޮށްފައިވަނީ ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދާ ފަރާތްތަކުގެ މަޝްވަރާއާ ލަފާތަކަށް ބެލުމެއް ނެތި ކަމަށް މެންބަރު އައްބާސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ގޮތްދޫނުކުރުމާއި، ބޮޑާކަން އިސްކޮށް، ގަދަބަސްބުނާ ސަރުކާރެއް ކަމަށެވެ.
މީގެ އިތުރުން މެންބަރު އައްބާސް ވިދާޅުވީ، މިއީ މިސަރުކާރުން ފަތުރުވެރިކަމަށް އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އާއިލާތަށް ކުޑަ ކަކުލަށް ތިރިކޮށް އާއިލާތަކަށް ދަތިކޮށް ބިކަ ކުރުމަށް ނިންމި ޖާހިލު އަމަލެއް ކަމަށެވެ.
މިއީ ރައްޔިތުންނަށް ދޮގުބުނާ މަކަރުވެރި އަނިޔާވެރިވާ އަދި ރައްޔިތުން މަގުމަތިކުރާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ސަރވިސް ޗާޖު ރުފިޔާ އިން ދިނުމަށް މިހާރު މަޖުބޫރު ވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ސަން ސިޔާމް ކުންފުނިން ސަރވިސް ޗާޖު ރުފިޔާއިން ދޭން ނިންމާފައިވާއިރު، މި ބަދަލާއެކު ބައެއް ރިސޯޓުތަކުން ވަނީ ލިބޭ މާލީ ގެއްލުން ކުޑަ ކުރުމަށް މީގެ ކުރިން ޑޮލަރުން މުސާރަ ދިން ނަމަވެސް މިހާރު ރުފިޔާ އިން މުސާރަ ދޭން ފަށާފަ އެވެ. އެރިސޯޓުތަކުގެ މަސައްކަތް ކުރާ މުވައްޒަފުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް މިއިން އެއްވެސް ކަމަށް މިހާތަނަށް މި ސަރުކާރުން އިޖާބަ ދީފައިނުވެ އެވެ.