ދޮގާއި މަކަރާއި ހީލަތުގެ މި ސަރުކާރު ބަލިކުރަން ދިވެހި ރައްޔިތުން ނުކުމެ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ. 

ހުކުރު ދުވަހު އޮންނަ އެމްޑީޕީ ގެ ޕްރައިމަރީގެ ކުރިން ދެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އޭނާ އެދެނީ އެމްޑީޕީ ގެ ހުރިހާ މެންބަރުން ނުކުމެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. ވޯޓުގެ ކަންތައްތައް އޮމާންކޮށް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން ޝާހިދު ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅުންނާއެކު ޕްރައިމަރީގައި ވާދަކުރެއްވި ހުރިހާ ބޭފުޅުން އެ ބޭފުޅުންގެ ޓީމްތައް ހިމެނޭހެން އެކުގައި ނުކުމެ ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދެއްވުމަށެވެ. 

މިއަދު ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ބުނަމުން ގެންދަނީ ރާއްޖެ ގޮސްފައިވާ ހާލަތު، ދޮގާއި، މަކަރާއި، ހީލަތާއި ފަސާދައިގެ ބިންގަލެއްގެ މައްޗަށް ބިނާކޮށްފައިވާ ސަރުކާރު ބަލިކޮށްލުން އެއީ އަޅުގަނޑުމެން އެންމެން ކުރަންޖެހިފައިވާ ކަމެއް. މިކަން ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން ނުކުމެވަޑައިގެން، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމަށް އަޅުގަނޑު އެދެން. 
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފެށޭނީ ހުކުރު ދުވަހު މެންދުރު 2:00 ގަ އެވެ. އަދި ވޯޓުލުން ނިމޭނީ ރޭގަނޑު 8:00 ގަ އެވެ. 

ޕްރިއިމަރީގައި ވޯޓުލެވޭނީ 26 ނޮވެމްބަރ 2025 ވީ ބުދަ ދުވަހާއި ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި ދަފްތަރުވެފައިވާ މެންބަރުންނަށެވެ.

ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައިވާ ގޮތަށް ބަލާ އިރު ޖުމްލަ ބަހައްޓަން ހަމަޖެހިފައި ވަނީ 65 ވޯޓު ފޮށްޓެވެ. އަތޮޅުތަކަށް 14 ފޮށި އަދި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މާލެއިން ބޭރުގައި 34 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިޔުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައ އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510 އަށް ވުރެ ގިނަ ކެނޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވެ އެވެ.