60 ށް ވުރެ ގިނަ ފަހަރު ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ އިނގިރޭސި ދެމަފިރިން ރާއްޖޭގައި މަރުވި ހާދިސާގައި ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާ ހިނގުމުން ފުލުހުން މިމައުލޫމާތު ހާމަ ކޮށްފައިނުވެ އެވެ. އިނގިރޭސިވިލާތައް ނިސްބަތްވާ މި ދެމަފިރިން ރާއްޖޭގައި މަރުވިކަން ހާމަވަގެން ދިޔައީ ބޭރުގެ ދުނިޔޭގެ މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ. މި ހާދިސާގައި ފުލުހުން މައުލޫމާތު އޭރު ހާމަނުކުރި ސަބަބެއް ނުބުނެ އެވެ.
މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން ބުރާސްފަތި ދުވަހު ފުލުހުން ބުނީ، އއ. އަތޮޅުގައި ހިންގާ ރިސޯރޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ގެންދިޔަ އިނގިރޭސިވިލާތުގެ ފަތުރުވެރިއެއް ކަމަށްވާ މރސ. އެލައިނީ ރިޗްމޮންޑް (70އ)، 2025 ޑިސެމްބަރ 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ގެ ފިރިމީހާއާ އެކު އެރިސޯރޓްގެ ފަރުކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް އެސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އަދި މރ. މެލްކޮމް ޖޯން ރިޗްމޮންޑް (71އ)، 2025 ޑިސެމްބަރ 21 ވަނަ ދުވަހު އެނބުރި ގައުމަށް ދިއުމަށް އެއަރޕޯރޓަށް ފުރަން ގޮސް ހުއްޓައި ސިއްހީ ހާލަތު ދަށްވުމާ ގުޅިގެން އެއަރޕޯރޓް ކްލިނިކްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ދަނިކޮށް 2025 ޑިސެމްބަރ 24 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.
މި ދެ މީހުން މަރުވުމާ ގުޅިގެން އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް އޮތްތޯ ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް ތަހުގީގަށް އެފަދަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
މި ދެމަފިރިންނަކީ "މޯލްޑިވްސް ހޮލިޑޭމޭކާސް" ނަމަކަށް ކިޔާ ގްރޫޕުގެ މެންބަރުންގެ މެދުގައި މަގުބޫލު، އެއްލައިދޫ ރިސޯޓަށް ގަވާއިދުން ޒިޔާރަތްކުރާ ދެމަފިރިން ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި ވޭތުވެދިޔަ 17 އަހަރުގެ ކްރިސްމަސް ބަންދުގައި މެދުކެނޑުމެއް ނެތި އެމީހުން ހޭދަކޮށްފައި ވަނީ ވެސް އެ ރިސޯޓުގަ އެވެ.
މި ދެމަފިރިންގެ މަރުގެ މައްސަލަ ބަލައި، ހަގީގަތް ދެނެގަތުމަށްޓަކައި އިނގިރޭސި ވިލާތުގެ ޗެސްޓަފީލްޑް ކޮރޯނާސް ކޯޓުގައި ޖެނުއަރީ 30 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.