ރ.ދުވާފަރު ޕޮލިސް ސްޓޭޝަން އެޅުމަށްޓަކާ ދުވާފަރު ކައުންސިލުން ބިން ދިނުމުން ވެސް ދުވާފަރުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާކަން ހާމަވެއްޖެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މަޝްރޫޢުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުން ބިން ނުދޭތީ ކަމަށެވެ. އެހެންނަމަ ވެސް ރ.ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވަނީ ކައުންސިލުން ސަރުކާރުން އެދުނު ގޮތަށް މިނުން މިނަށް ބިން ދިނުމުން ވެސް ދުވާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކުރައްވާފަ އެވެ. އެހެން ވީމަ މަސައްކަތްތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ނުދީގެން ކަމަށް ބުނުމަކީ ރަނގަޅު ވާހަކަ އެއް ނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
"ބިންގާ އެޅުމުގެ ކުރިން މި މަސައްކަތް ފެށި. އެއީ ބިން ދޫކުރި ތަނާހެން. އެހެން ނަމަވެސް ބާރު ސްޕީޑުގައި މަސައްކަތް ނުދާކަން ފާހަގަކޮށްލެވޭ. މި އޮތީ ބިން ދައްކާފަ އޭ. ސަރުކާރުން މަސައްކަތް ކުރާށޭ. މިއީ ބިމާއި ގުޅިގެން ދިމާވެގެން އުޅޭ މައްސަލަ އެއް ނޫނޭ." ޔަޝްފާ ވިދާޅުވި އެވެ.
ރ.ދުވާފަރު ޕޮލިސް ސްޓޭޝަން އިމާރަތް ކުރަން މި ސަރުކާރުން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
10 ޑިސެމްބަރުގައި އެ މަސައްކަތް ފެއްޓުމަށް ބޭއްވި ރަސްމީޔާތުގައި މިކަން ފައްޓަވައިދެއްވާފައި ވަނީ ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން، ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ، ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް، އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.
އެ ކަމަށްޓަކާ ބޭއްވި ރަސްމީޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި އިދާރާތަކުގެ އިސްވެރިން އަދި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.
36.03 މިލިއަން ރުފިޔާގެ މި މަޝްރޫޢު އަކީ 365 ދުވަސްތެރޭ ނިންމަން އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ސަރުކާރުން ހަމަކޮށްފައިވާ ގޮތުގައި މި ޕޮލިސް ސްޓޭޝަންގައި ތަހުގީގު ކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.