މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލުން އާދިއްތަ ދުވަހަށް ފަސްކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފުލެޓަށް އެދި ވަރަށް ގިނަ ފަރާތްތަކަކުން އެޕްލައިން ކުރާނެ ކަމަށް ލަފާ ކުރެވޭތީ އާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ 18 ޖެނުއަރީ ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި ޕޯޓަލް އާންމުކޮށް ހުޅުވަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ހައުސިންގ މިނިސްޓްރީ އިން ބުނީ ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖަނަވަރީ 15 އިން ފެށިގެން އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މި އުސޫލުގެ ދަށުން، މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓު ދޫކުރާނެ އެވެ. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރާނެ އެވެ. މީގެ ތެރެއިން 10،000 ގޯތި ދޫކުރަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3000 ގޯތި އަދި މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުކުރުމުން މަހުރޫމުވެފައިވާ މީހުންނަށް 500 ގޯއްޗާއި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީ ކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަަދަލު ކުރާ މީހުންނަށް 1،500 ގޯއްޗެވެ.
ފުލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން 7500 ފުލެޓް ދޫކުރަން އޮތީ ނިންމާފަ އެވެ. އެއީ މާލޭގެ ރަށްވެހިންނަށް 4000 ފުލެޓް، މާލޭގައި ރަށްވެހިފައިނުވާ މަލޭގައި ދިރިއުޅޭ މީހުންނަށް 1500 ފުލެޓް، 18 އަހަރުން ދަށުގެ ކުދިން ބަލަހައްޓާ އެކަނިވެރި މައިންނާއި ބަފައިންނަށް 100 ފުލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 100 ފުލެޓް، އަލަތު ކައިވެނި ކުރާ ފަރާތްތަކަށް 250 ފުލެޓް ހިމެނެ އެވެ.
މީގެ އިތުރުން ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 50 ފުލެޓް، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 200 ފުލެޓް، ޖުޑީޝަރީ ދާއިރާގެ މުވައްޒަފުންނަށް 100 ފުލެޓް، މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް 100 ފުލެޓް ހިމެނެ އެވެ. އަދި މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކު ކުރުމުން މަހުރޫމުވެފައިވާ މީހުންނަށް 50 ފުލެޓް، ވެށިފަހި އަދި ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓު ނުލިބޭ މީހުންނަށް 300 ފުލެޓް ހިމެނެ އެވެ.
ފުލެޓް ދެވޭ އިތުރު ކެޓަގަރީތަކުގެ ތެރޭގައި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތަކަށް 50 ފުލެޓް، ފުލުހުންނަށް 100 ފުލެޓް، ސިފައިންނަށް 100 ފުލެޓް، ސިވިލް ސަރވިސް މުވައްޒަފުންނަށް 200 ފުލެތް އަދި އެކި އިދާރާތަކާއި މުވައްސަސާތަކަށް ހާއްސަ 300 ފުލެޓް ހިމެނެ އެވެ.