މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކައި ''ރަސްމާލެ'' ތަރައްގީ ކުރަނީ މާލެ ސަރަހައްދުން ރައްޔިތުންނަށް ބޯހިޔާވަހިކަން ނުދޭން ކަމަށާއި، އެރަށުން ބޯހިޔާވަހި ކަމަށް އެދި ފޯމް ހުށަނޭޅުމަށް އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު ގޮވާލައިފި އެވެ. 

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ސޮބާހު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިރު، ރަސްމާލެއިން ބިމާއި، ފްލެޓު ހޯދުމަށް ފޯމް ހުށަނޭޅުމަށް ގޮވާލާފަ އެވެ. 

މާލެ އާ މާދުރުން ފަޅެއް ހިއްކައި، ރަސްމާލެ ތަރައްގީ ކުރަނީ ސަރުކާރުގެ މުޅިން އެހެން މަގުސަދެއް އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮބާހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރަސްމާލެ އިން ބޯހިޔާވަހިކަން ލިބިފައިވާ މީހަކަށްވާތީ، މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓު ނުދޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ބިންތައް މިސަރުކާރުގެ ބޭފުޅުން ބޭނުންކުރާނެ ކަމަށާއި، އެހެނިހެން ކަންކަމުގައި ބިންތައް ވިއްކާނެ ކަމަށެވެ. 

އަޅުގަނޑުމެންގެ އިލްތިމާސްއަކީ އެއްވެސް ރައްޔިތަކު ފުށިދިއްގަރުފަޅަށް ލައްވާނެ ކަމެއް ނެތޭ މިހާރު އެނގޭތޯ. އެއީ ފުށިދިއްގަރުފަޅަށް މިވަގުތު މީހުން ލައްވާ އެޕްލިކޭޝަން ހައްދަންވެގެން އެއުޅެނީ އެޕްލައި ކުރުވަން އެއުޅެނީ  ވިދާޅުވާން ދިވެހި ރައްޔިތުން އެތަނުން ބޭނުންވެގެންނޭ ތިމަންމަނިކުފާނު އެތަނަށް  މީހުން ހަމަޖެއްސީ. އޭރުން މިހާރު މިތާގައި މިސަރަހައްދުގައި މިއޮތް ނުދީ ފަރު ޖެއްސޭނެއްނޫންތޯ. ފަރު ޖެއްސުމަށްފަހު އެތަންތަން ކޮންމެވެސް އެހެން ބޭނުމަކަށް ބޭނުން ކުރެވިދާނެ. ތަންކޮޅެއް ބޮޑު އަގުގައި ވިއްކައިލެވިދާނެ. ލަގްޒަރީ ފްލެޓު އެޅުމަށް މިކަހަކަ ކަންތައްތަކެއް ނޫންތޯ މިހިނގަނީ. އެހެންވީމަ ފުށިދިއްގަރުފަޅު ހިއްކަވަން ފެއްޓެވީ  އަސްލު ހަގީގަތުގައި މިތަންތަނުގެ ބިންތައް ނުދެއްވުމުގެ މަގުސަދުގައި.
އުތުރުތިލަފަޅު ޔޫނިއަންގެ ސްޕޯކް ޕަރސަން ސޮބާހު ރަޝީދު

ސޮބާހު ވިދާޅުވީ ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވަނީ މާލެ ސަރަހައްދުން ކަމަށާއި، ކަނޑު ދަތުރުކޮށްފައި މާ ދުރަށްދާން ބޭނުން ނުވާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރަން ޖެހޭ ކަމަށް ސޮބާހު ވިދާޅުވި އެވެ. 

ސޮބާހު ވިދާޅުވީ ހުޅުމާލެ ފޭސް-3، ގުޅީފަޅު، އުތުރުތިލަފަޅު އަދި ގިރާވަރުފަޅު ތަރައްގީ ކުރަން ޖެހޭ ކަމަށާއި، އަސާސީ ޚިދުމަތްތައް ގާއިމް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މި މަޝްރޫއުތަކަށް މާ ބޮޑު ސަމާލު ކަމެއް ނުދީ މިސަރުކާރުން ދެލައްކައެއްހާ މީހުންގެ ބޯހިޔާވަހިކަމަށް ހުރަސްއަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.