ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންގެ ދުވަހަށް ރ. ދުވާފަރަށް ވަޑައިގަންނަވާތީ ކުއްލި ގޮތަކަށް އައުޓްޑޯ ވޮލި ކޯޓެއް އެޅުމަށް ބިން ހަމަޖައްސައި ދިނުމަށް ކައުންސިލްގައި އެދުމުން އެކަން ކޮށްދިން ނަމަވެސް، 1 މަސް ތެރޭގައި ނިންމާނެކަމަށް ރައީސް ވިދާޅުވި ވޮލީކޯޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ދުވާފަރު ކައުންސިލްގެ މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަރވިއުއެއްގައި ޔަޝްފާ ވިދާޅުވީ އައުޓްޑޯ ވޮލީ ކޯޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުގެ ބަރާބަރު 1 ހަފްތާ ކުރިން ޒުވާނުންނަށް ވޮލީކޯޓެއް ތަރައްގީ ކުރުމަށް ބިން ދެއްކުމަށް ކައުންސިލަށް އެންގި ކަމަށެވެ. ޔަޝްފާ ވިދާޅުވީ އެއީ ކުއްލިއަކަށް އެންގި އެންގުމެއް ނަމަވެސް ކައުންސިލުން އެކަމަށް ވަރަށް އަވަހަށް އިޖާބަ ދިން ކަމަށެވެ. 

ޔަޝްފާ ވިދާޅުވީ އޭނާ އަކީ އެމްޑީޕީ ކައުންސިލަރެއް ކަމަށާއި، އޭނާ އަކީ ރައީސް މުއިއްޒު ވިދާޅުވާ ސަރުކާރާއި އިދިކޮޅު މީހެއް ކަމަށާއި، ނަމަވެސް ރަށު ތަރައްގީއަށް އަންނަ ކޮންމެ ކަމަކަށް ލަހެއްފަހެއް ނެތި އޭނާ ގެ ތާއީދަ އެކު ވެސް ބިން ދައްކާފައިވާނެ ކަމަށެވެ. 

ބިން ސާފުކުރީ އެމްޓީސީީ އިން. އަޅުގަނޑުމެން މިން އަޅައިދީ، އިން ވަކިކޮށްދިނީ ކައުންސިލުން. އައުޓްޑޯ ވޮލީކޯޓަކަށް އުއްމީދުކުރަނީ. އުއްމީދު މިކުރަނީ ރ. ކިނޮޅަހުގައި ހުރި ކަހަލަ، ބެންޗު ބަހައްޓައިގެން އައުޓްޑޯ ވޮލީކޯޓެއް ގާއިމްވެގެންދާނެ ކަމަށް. 
ދުވާފަރު ކައުންސިލްގެ މެންބަރު މަރިޔަމް ޔަޝްފާ

ޔަޝްފާ ވިދާޅުވީ އައުޓްޑޯ ވޮލީކޯޓުގައި މިހާރު ފެންނަން ހުރީ ރައީސް ވަޑައިގެންނެވި ދުވަހު ބިންގާ އެޅުމަށްފަހު ވަަށައިގެން  ޖަހާފައި ހުރި ހޮޅިތައް އެކަނި ކަމަށެވެ. އޭގެ ފަހުން އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، ނަމަވެސް މި ވޮލީ ކޯޓަކީ 1 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޔަޝްފާ ވިދާޅުވީ ރައީސް މުއިއްޒު ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި، ކައުންސިލްތަކުން ބިން ދޫ ނުކުރާ ކަމަށް ވިދާޅުވި ނަމަވެސް ދުވާފަރުގައި ފެނިގެން ދާނީ ސަރުކާރުން އެދުނު ގޮތަށް އެކަންކަން ކޮށްފައިވާ މަންޒަރު ކަމަށާއި، އެހެންކަމުން ރައީސް އަށް އެހެން ވިދާޅުވެވެން ނޯންނާނެ ކަމަށެވެ.