ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ދުވާފަރު ދަނާލުގެ މަސައްކަތް ކުރުމަށް ކައުންސިލުން 2024 ވަނަ އަހަރު ސަރުކާރާއި ބިން ހަވާލުކުރި ނަމަވެސް، އަދިވެސް އެ މަސައްކަތް ނުފަށާ ކަމަށް ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ޔަޝްފާ ވިދާޅުވީ، ދުވާފަރު ދަނާލަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއް ކަމަށާއި ނަމަވެސް މި މަޝްރޫއުގެ ވާހަކަ ސަރުކާރުން ދައްކަން ފެށީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބު ކެމްޕެއިން ތެރޭ ދަނާލެއް އެޅުމަށް ދުވާފަރުން ބިމެއް ހަމަޖެއްސުމަށް ސަރުކާރުން އެދުނު ކަމަށާއި، އަދި ކައުންސިލުން އެއްވެސް ކަހަލަ ލަސްކުރުމެއް ނެތި ބިން ހަމަޖައްސައިދީފައި ވާނެ ކަމަށް ޔަސްފާ ވިދާޅުވި އެވެ. މަޖްލިސް ކެމްޕެއިން ތެރޭގައި އޭރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ދުވާފަރަށް ވަޑައިގަތުމުން، މިނިސްޓަރު އަރިހުން ދަނާލުގެ ބިންގާ އެޅުއްވުމަށް ކައުންސިލުން އެދުނު ނަމަވެސް، ކައުންސިލް އިމާރާތުގެ ތިރީގައި ކުޑަ ރަސްމިއްޔާތެއް ބާއްވައި މިނިސްޓަރު ފުރައިގެން ދިޔައީ ކަމަށް ޔަޝްފާ ވިދާޅުވި އެވެ.


ރަޢީސް މުއިއްޒު ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގަ ހިމެނޭ، ރ. ދުވާފަރު ދަނާލު ގެ ބިންގާ އެޅުމަށް، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ދުވާފަރު ދަނާލަކީ ރައީސް މުއިއްޒުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް. ނަމަވެސް މިކަމުގެ ވާހަކަ އެއް ސަރުކާރުން ދެއްކީ 2024 ވަނަ އަހަރުގެ މަޖްލިސް އިންތިހާބާ ދިމާކޮށް. ސަރުކާރުން އެދުމުން ކައުންސިލުން ވަނީ މި މަޝްރޫއަށް ބިން ކަޑައަޅާ ސަރުކާރާ ބިން ހަވާލުކޮށްފަ. އޭގެ ފަހުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރައީސް މުއިއްޒު މި ރަށަށް ވަޑައިގަންނަން ވެގެން އަނެއްކާ ވެސް ސަރުކާރުން އަންގައިފި ދަނާލުގެ މަސައްކަތް ކުރުމަށް އަންނަ ވާހަކަ. ދެން ރައްޔިތުން ލޮލުގަ އަނދުން އަޅުވަން ވެގެން ކޮންމެވެސް ވަރަކަށް ގޯނި ކޮޅަކާއި ދަނގަނޑު ކޮޅެއް ގެނެސް މި ސަރަހައްދުގަ ބަހައްޓާލި. އަދި މިދިޔަ އަހަރު ރައީސް މުއިއްޒު ވަޑައިގެން ދަނާލުގެ ބިންގާ އެޅުއްވި ފަހުންވެސް އެއްވެސް މަސައްކަތެއް ނުހިނގާ. ރައީސް މުއިއްޒު އެޅުއްވި ބިންގާ ވެސް މިހާރު ފެންނަން ނެތް.ރ. ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ
އޭގެ ފަހުން އަނެއްކާ ވެސް ސަރުކާރުން ދަނާލުގެ ވާހަކަ ދައްކަން ފެށީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރައީސް މުއިއްޒު ދުވާފަރަށް ވަޑައިގަންނަން ވެގެން ކަން ފާހަގަ ކުރައްވާ ޔަޝްފާ ވިދާޅުވީ، އެ ފަހަރު ރައްޔިތުންގެ ލޮލުގައި އިތުރަށް އަނދުން އަޅުވަން ވެގެން ކޮންމެވެސް ވަރަކަށް ގޯނި ކޮޅަކާއި ދަނގަނޑު ކޮޅެއް ގެނެސް އެ ސަރަހައްދުގައި ބަހައްޓާލި ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ދުވާފަރަށް ވަޑައިގެން ދަނާލުގެ ބިންގާ އެޅުއްވި ކަމަށާއި ނަމަވެސް އޭގެ ފަހުން ވެސް ދަނާލުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ޔަޝްފާ ފާހަގަކުރެއްވި އެވެ. އަދި ރައީސް މުއިއްޒު ވަޑައިގެން އެޅުއްވި ބިންގާ ވެސް މިހާރު ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަނާލު އިމާރާތް ކުރަން ކައުންސިލުން ބިން ހަވާލުކުރި ފަހުން 2 އަހަރު ވާން ކައިރި ވެފަ ވާއިރު އަދި އެޅުނީ ބިންގާ އެކަނި؛ މިހާރު ބިންގާ ވެސް އެ ސަރަހައްދުން ފެންނަން ނެތް
މީގެ އިތުރުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ކައުންސިލްތަކުން ބިން ނުދޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ ރައްޔިތުންނަށް ހަމަ ސީދާ ހަގީގަތް އޮޅުވާލުމަށް ދައްކަވާ ވާހަކަ އެއް ކަމަށް ޔަސްފާ ވިދާޅުވި އެވެ. އަދި ސަރުކާރުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ކައުންސިލްގެ ހުއްދައެއް ބޭނުން ނުވާ ކަމަށް މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވާކަން ޔަޝްފާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ސަރުކާރުން އެދުނު ވަރަކަށް މިހާރުވެސް ދުވާފަރުން ބިން ދޫކޮށްފައިވާނެ ކަމަށާއި، ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރިއްޔާ މިހާރުވެސް މަސައްކަތް ފަށަންވީ ކަމަށް ޔަސްފާ ވިދާޅުވި އެވެ. އަދި ރަށަށް އަންނަ ކޮންމެ ތަރައްގީ އެއްގައިވެސް ދުވާފަރު ކައުންސިލް އޮތީ ސަރުކާރަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށް ޔަޝްފާ ވިދާޅުވި އެވެ.