ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު ގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު ކަމަށް ދުވާފަރު ކައުންސިލްގެ މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ.
ދުވާފަރު ކައުންސިލް މެންބަރު ޔަޝްފާ ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްގެ މަސައްކަތަކީ ވަރަށް ކުރީގެ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް އޭޓީއެމްގެ ތަޅު ހުޅުވިގެން ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުން ކަމަށެވެ.
އޭނާ ވިދާޅުވީ އެމްއައިބީ އޭޓީއެމް އަކީ ސަރުކާރުގެ ވައުދެއް ނޫން ކަމަށެވެ. ނަމަވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެރަށަށް ވަޑައިގެން ޕްރޮޖެކްޓްތައް އިތުރުކުރެއްވުމަށްޓަކައި، އަދި ރައްޔިތުންނަށް މަލަމަތި ދައްކާލުމަށްޓަކައި އޭޓީއެމް ހުޅުވައިދެއްވި ކަމަށެވެ.
16 ޕްރޮޖެކްޓުގެ ތެރޭގައި، އެ ދުވަހު ރިބަން ކެނޑުމަގަޔާއި، ބިންގާ އެޅުމުގެ ތެރޭގައި މި އޭޓީއެމްވެސް ހިމެނިގެންދިޔަ. ރައީސް އޮފީހުން އަންނަނީ ފޯނު ކޯލެއް. ކޮންމެ ރަސްމިއްޔާތެއް ވެސް ފެށުމުގެ ކުރިން އެބަ އިނދޭ ކީރިތި ޤުރުއާނުގެ ބަރާކަތުން ފެށުމަށް. އަދި ޤުރުއާނުގެ ބަރަކާތުން ފަށާއިރު، އޭޓީއެމް ހުޅުވާ އިރު ޤުރުއާން ކިޔަވާ ކުއްޖާގެ އާއިލާއަށް ރައީސް އޮފީހުން އަންނަނީ ފޯނު ކޯލެއް. އަހަނީ ކޮން އާޔަތެއްހޭ ކިޔަވަނީ. ދެން އާއިލާއިން ސުވާލުކުރި ކީއްވެގެންތޯ ކޮން އާޔަތެއްތޯ ކިޔަވަނީ ތި ސުވާލު ކުރެއްވީ؟ ދެން ރައީސް އޮފީހުން އަންގަނީ ކޮންމެސް ކޮންމެސް ރިބާގެ އާޔަތެއް ނުހިމަނައްޗޭ، ނުކިޔަވާށޭ.ދުވާފަރު ކައުންސިލްގެ މެންބަރު މަރިޔަމް ޔަޝްފާ
ނިމިގެން ދިޔަ މަސްވެރިންގެ ދުވަސް ރ. ދުވާފަރުގައި ފާހަގަ ކުރުމަށް ރައީސް މުއިއްޒު އެރަށަށް ވަޑައިގެން 16 ޕްރޮޖެކްޓެއް ފައްޓަވާފައިވެ އެވެ. މީގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ހެދި އޭޓީއެމް ވެސް ހުޅުވާފައިވެ އެވެ.