ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި އެވެ.
ޖަލު ހުކުމް އިއްވާފައި ވާ މީހާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ.
އޭނާ ގެ މައްޗަށް ކުރާ އެ ދައުވާ އޮއްވައި އޭނާ ވަނީ ކުށަށް އިއުތިރާފު ވެފަ އެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން ކުށަށް އިއުތިރާފުވެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހާ އެކު އޭނާ ވަނީ އިއުތިރާފު ގެ އެއްބަސްވުމެއް ހަދައިފަ އެވެ.
މައްސަލައިގައި ދައުވާ ލިބުނު މީހާ އިއުތިރާފް ވުމުން އެކަމަށް ރިއާޔަތް ކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފަ އެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އޭނާ ގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
މިފަދަ އެއްބަސްވުންތަކުން ކުށް ސާބިތުވާ
މީހުންނަށް އެކި ލުއިތައް ލިބިގެންދެ އެވެ. ނަމަވެސް، އެ މައްސަލާގައި އަދަބަށް
މާބޮޑު ލުޔެއް ދީފައެއްނުވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަކުއްޖެއްގެ ގައިގައި އަތްލައިފިކަން ސާބިތުވެއްޖެ ނަމަ، އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.