ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށާ އޭގެ ކުރިން ރަށްރަށަށް ބޭނުންވާ މުދާ ސަޕްލައި ކޮށް ނިންމަން ޖެހޭ އިރު ހުޅުމާލެއިން ނަމަވެސް އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް ސަރުކާރުން މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ މާލޭ ނޯތު ހާބަރު މަރާމާތު ކުރުމުގެ ބޮޑު މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، އެ ސަރަހައްދު ބޭނުންކުރާ ދޯނިފަހަރު ކައިރިކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމުގެ ޝަކުވާ އޮޑިވެރިން އިންތިހާ އަށް ކުރަމުންދާ ކަމަށެވެ.  

ނޯތު ހާބަރުން ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެހެން އެ ސަރަހައްދު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ސަރުކާރުން ބުނި ނަމަވެސް އަމަލީ މަސައްކަތް ފަށާފައި ވަނީ ތިން މަރުހަލާ އެއްކޮށް ކަމަށާ މިހާރު އެ މަސައްކަތް އޮތީ މުޅިން ހުއްޓިފައި ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. މީގެ ސަބަބުން ނޯތު ހާބަރުގެ ގާތްގަނޑަކަށް 30 އިންސައްތަ ސަރަހައްދު ބޭނުން ނުކުރެވޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ އޭގެ ބަދަލުގައި އޮޑިފަހަރުތަކަށް ދީފައިވާ ރަސްމީ ފާލަން ސަރަހައްދުން ޖާގަ ލިބެނީ އެންމެ 7 ދޯންޏަށް ކަމަށެވެ. 

އަޅުގަނޑާ ދިމާވި ބައެއް ބޭފުޅުން ދެއްކި ހިސާބުތަކަށް ބަލާއިރު، 70، 80 ނުވަތަ 90 އެއްހާ ދޯނި އެބައޮތް ކިއޫގައި. މި ކިއޫގެ ތަރުތީބުން ދޯނިތަކަށް ފުރުސަތު ލިބޭއިރު، އިތުރު 10 ވަރަކަށް ދުވަސް އެބަ ހޭދަވޭ. އަޅުގަނޑު ސަރުކާރަށް ގޮވާލަން ހުޅުމާލެއިން ނަމަވެސް މި އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަވައިދޭން. މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ ޖޫން ނުވަތަ ޖުލައި ހިސާބުގައި ކަމަށްވާއިރު، އެހާ ދުވަހު އޮޑިވެރިންނަށް މި ތަކުލީފުގައި ނުތިބެވޭނެ،
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ގެ މެންބަރު އަބްދުއްޣަފޫރު މޫސާ 

ޣަފޫރު ވިދާޅުވީ ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވާއިރު، އޭގެ މަހެއްހާ ދުވަސް ކުރިން ނުވަތަ ދޮޅުމަސް ކުރިން ރަށްރަށަށް ބޭނުންވާ މުދާ ސަޕްލައިކޮށް ނިންމަން ޖެހޭނެ ކަމަށެވެ. ރަމަޟާން މަހާ ދިމާކޮށް މިފަދަ މަޝްރޫއެއް މި ސަރުކާރުން ފެށި ފެށުން ވެސް ކުށްވެރި ކުރައްވާ ޣަފޫރު ވިދާޅުވީ މީގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

އެހެން ކަމުން ހުޅުމާލެއިން ނަމަވެސް އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް ސަރުކާރުން މިހާރުން މިހާރަށް ހަމަޖެއްސުމަށް ޣަފޫރު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.