އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ މައްސަލަ އެއްގައި މިހާރުވެސް ޕްރޮސިކުއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައިވާ، ގއ. މާމެންދޫ، ރޯޒްބެޑް، އިބްރާހިމް ސޯބިރު އަށް، ގއ. މާމެންދޫ އާރުޑީސީ އޮފީހުގެ މެނޭޖަރު ކަމުގެ މަގާމު ރައީސް މުއިއްޒު ދެއްވައިފި އެވެ. 

ސޯބިރުގެ މައްޗަށް ކޮށްފައިވާ ދައުވާ ހުށަހެޅި ފޯމުގެ ކޮޕީ އެއް
ސޯބިރުގެ މައްޗަށް ކޮށްފައިވާ ދައުވާ ހުށަހެޅި ފޯމުގެ ކޮޕީ އެއް

މީގެ ކުރިން ކޫއްޑޫ މަސް ކާރުހާނާ ގެ އިސް މަގާމެއް އަދާކުރަމުން ދިޔަ ސޯބިރު އެ މަގާމުން ވަކިކުރީ އޭނާ ގެ މައްޗަށް ކުރެވުނު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަކާ ގުޅިގެންނެވެ. އެ މައްސަލަ މިހާރު ޝަރީއަތުގެ މަރުހަލާގައި އޮތް އިރު، ރައްޖެ އެމްވީ އަށް ލިބިފައިވާ ދައުވާ ފޯމުގައި ވާގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 2024 ޑިސެމްބަރު 18 ގައި ސޯބިރުގެ މައްޗަށް ދައުވާކުރީ އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގަ އެވެ.

ސޯބިރުގެ މައްޗަށް ކޮށްފައިވާ ދައުވާ ހުށަހެޅި ފޯމުގެ ކޮޕީ އެއް

ސޯބިރުގެ މައްޗަށް ކޮށްފައިވާ ދައުވާ ހުށަހެޅި ފޯމުގެ ކޮޕީ އެއް

މި މައްސަލަ ކުރިއަށް ދަނިކޮށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ސޯބިރު ވަނީ މާމެންދޫ ކައުންސިލް ރައީސް އަޙްމަދު އަޒީޒަށް ހަމަލާދީ މާރާމާރީ ހިންގާފަ އެވެ. މި މައްސަލަ އަދިވެސް އޮތީ ތަހުގީގު ކުރުމުގެ މަރުހަލާގަ އެވެ.

މިފަދަ ބޮޑެތި މައްސަލަތައް ސޯބިރު އާ ދެކޮޅަށް ކުރިއަށް ދަނިކޮށް އޭނާ އަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ގއ. މާމެންދޫ އޮފީހުގެ މެނޭޖަރުގެ ވަޒީފާ ދާދި ފަހުން ދިނީ، ރައްޔިތުންގެ މަޖިލީހުގެ ކޮލަމާފުށި ދާއރާގެ މެމްބަރު އިބްރާހިމް ދީދީ ގެ ބާރާއި ނުފޫޒުން ކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރެ އެވެ. 

ބޮޑެތި ޖިނާއީ ކުށްތަކެއްގެ ތުހުމަތުތައް ކުރެވޭ އަދި ޝަރީއަތް ހިނގަމުންދާ މީހަކަށް ބާރާއި ނުފޫޒު ބޭނުންކޮށްގެން މެމްބަރު ދީދީ ވަޒީފާ ހަމަޖައްސައިދިން ކަމަށް ބުނެ، އެ ދާއިރާގެ ބައެއް މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން މެމްބަރު އިބްރާހިމް ދީދީ ގެ ބަހެއް ހޯދާލުމަށް ރާއްޖެ އެމްވީ އިން ކުރި މަސައްކަތް ކާމިޔާބު ވެފަ އެއް ނުވެ އެވެ. 

މި ކަން ފެންމަތި ވެފައިވާއިރު، ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަނުގައި، މިހާތަނަށް ހައްޔަރު ކުރި ދެ ނެޓްވޯކެއްގެ ބޮޑުންގެ ތެރޭގައި ވެސް ރައީސް މުއިއްޒު ގެ ސިޔާސީ މުވައްޒަފުން ހިމެނެ އެވެ.