ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބޭސް ފިހާރަ ހިންގަމުންދާ ކުންފުނި، އެސްޓީއޯގެ ހުރިހާ ފާމަސީ އެއް ރާއްޖެ އަށް ބޭސް އެތެރެކުރުމަށް ރައީސް މުއިއްޒު އުފެއްދި ހާއްސަ ކުންފުނީގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.
މި ބަދަލުގެ މަސައްކަތް ފަށާނީ އަންނަ ހަފްތާގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައި ހުރި އެސްޓީއޯގެ ހުރިހާ ފާމަސީއެއް ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މި މަސައްކަތް ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ނިންމަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރައީސް މުއިއްޒު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރާއްޖެއަށް ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދާފަ އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރީ ޑރ. ޝާހު މާހިރު އެވެ.
އެސްޓީއޯ ގެ ފާމަސީތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމާއެކު އެ ފިހާރަތަކުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ 500 އަށް ވުރެ ގިނަ މުވައްޒަފުން ބޭސް ކުންފުންޏަށް ބަދަލުވާނެއެ ވެ.
ބޭސް ކުންފުނި ހިންގުމަށް މި އަހަރުގެ ބަޖެޓުގައި 107 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، ބޭސް ފިހާރަތައް ހިންގުމުގެ އިތުރުން ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ވެސް އަލަށް އުފެއްދި ކުންފުނީގެ ދަށަށް ބަދަލުކުރެވިގެންދާނެ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބޭސް ލިބުމުގެ މައްސަލަ ބޮޑުވެ، އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ދިޔުމާ އެކު، ސަރުކާރުން އުފެއްދީ ބޭސް ކުންފުންޏެކެވެ. އެކަމަކު، އެ ކުންފުނިން ރާއްޖެއަށް އެންމެ ބޭސް ގުޅައެއް ވެސް އަދި އެތެރެއެއް ނުކުރެ އެވެ.
ކުންފުންޏަށް ވެރިޔަކު އައްޔަންކޮށް، ވަޒީފާތަކަށް މީހުން ނަގައިގެން، ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދޭތާ އެތައް މަހެއް މިހާރު ވަނީ ވެފަ އެވެ. ނަމަވެސް ބޭސް ލިބުމުގެ މައްސަލައަށް އެއްވެސް ހައްލެއް ހޯދިފައެއް ނުވެ އެވެ.