ރ.ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް، ބޭނުންވާ ބިން ކައުންސިލުން ސަރުކާރާއި ވާލުކުރުމުން، ސަރުކާރުން އިމާރާތުގެ ބިންގާ އެޅިތާ މަހެއް ފާއިތުވި އިރު ވެސް، އެ މަޝްރޫޢުގެ އަމަލީ އެއްވެސް މަސައްކަތެއް ނުހިނގާކަން ހާމަވެއްޖެ އެވެ.

މި މަސައްކަތުގެ ބިންގާ އަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް މަސައްކަތް އެވޯޑްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. 

ސަރުކާރުން ވަނީ އިމާރާތުގެ ބިންގާ އަޅާ މި މަސައްކަތް ރަސްމީކޮށް ފެށި ކަމަށް އިއުލާންކޮށްފަ އެވެ.  ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި،  އެ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މުއިއްޒުގެ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް އެވެ.

ރ. ދުވާފަރު ކަައުންސިލްގެ އެމްޑީޕީ މެމްބަރު ޔަޝްފާ ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ މިހާތަނަށް އައި އިރުގައި އެކަމާއި ގުޅުން ހުރި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. ހޮސްޕިޓަލް ގޯތި ތެރޭގައި ސަރުކާރުން އަޅާފައިވާ ބިންގާ ފިޔަވާ އިތުރު މަސައްކަތެއް މި މަޝްރޫއުގެ ދަށުން ސަރުކާރަށް އަދި ނުކުރެވެ އެވެ.

މި މަސައްކަތަށް ބޭނުންވާ ބިން ކައުންސިލުން ދިނުމުގެ އިތުރުން ކައުންސިލުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ކައުންސިލުން ފޯރުކޮށްދޭކަން ޔަޝްފާ ވަނީ ފާހަގަކޮށްފަ އެވެ. 

"ބިންގާ އެޅިތާ މަހެއް. މިއީ 6 މަސް ތެރޭ ނިންމަން ހަވާލުކުރި ތަނެއް." އޭނާ ވިދާޅުވި އެވެ. 

މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ، ހުސެއިން ތަސްމީން އެވެ.

06 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެއްވި މި ޕްރޮޖެކްޓަކީ 25.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މިޕްރޮޖެޓްގެ ސްކޯޕްގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަކާއި އައިސީޔޫ އެއް ހިމެނެ އެވެ. އަދި ނާސް ސްޓޭޝަނާއި ޕްރޮސީޖަރ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމްސް ވެސް މި ޕްރޮޖެކްޓުގައި ހިމެނެ އެވެ.