ރިޔާސީ ބަޔާން އިއްވާ ދުވަހަކީ "މީގެ ފަހުން ސަރުކާރުން ބަންދު ނޫން ދުވަހެއް ކަމަށް" ކަނޑައެޅުއްވުމަށް ފަހު މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމުގައިވާ 5 ފެބްރުއަރީ އަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި އެވެ. 

ރައީސް އޮފިހުން ބުނީ 2026 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 3/2026 ނަމްބަރު ދެންނެވުމުގަ އެވެ.

މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ނަމަވެސް ރައީސް މުއިއްޒު ގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމުގެ ކުރިން 2024 ވަނަ އަހަރު ރައީސް ވަނީ ކޮންމެ އަހަރެއްގެ ވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ނޫން ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ. 

އެގޮތުން 18 ޖެނުއަރީ 2024 ގައި ރައީސް އޮފީހުން އެއިރު ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާފައިވާ ކަމަށެވެ. 

ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ނޫން ދުވަހެއް ކަމުގައި ކަނޑައަޅުއްވައި އެކަން ހާމަކުރެއްވީ 18 ޖެނުއަރީ 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވި ދެންނެވުން ނަންބަރު 4/2019 ވަނީ ބާތިލު ކޮށްފަ އެވެ. 

މި ދެންނެވުމުގައި ކުރިން އޮތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގަ އެވެ. އެއީ 21 ޖެނުއަރީ 2019 ގަ އެވެ.