ނ. މާފަރުގައި އިމާރާއް ކުރަން ނިންމާފައިވާ ޕޮލިސް ސްޓޭޝަނުގެ ކުރެހުން، ރައީސް މުއިއްޒުގެ ވެރިކަމުގައި 4 ފަހަރަށް ބަދަލުކޮށްފި ކަމަށާއި، ނަމަވެސް އާޚިރުގަ ޕޮލިސް ސޮޓޭޝަނެއްގެ ބަދަލުގައި އެރަށަށް ލިބުނީ އަލިފާން ފޮއްޓެއް ކަމަށް އެ ރަށު ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އާމިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ ގެ "ފަށާއިރު" ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން މާފަރު ކައުންސިލް ގެ ނައިބް ރައީސް އާމިރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި މާފަރުގައި އަޅަން ނިންމި މި ޕޮލިސް ސްޓޭޝަން އަޅަން ބިން ކަނޑައަޅާ، ޕޮލިސް ސްޓޭޝަނަކަށް ކައުންސިލުން ބިން ހަވާލުކޮށް، ބިމުގެ ރަޖިސްޓްރީ ވެސް ހަދައިދީފައިވާނެ ކަމަށެވެ. އަދި މިދިޔަ ވެރިކަމުގައި ޕޮލިސް ސްތޭޝަން އަޅަންވެގެން އެ ސަރަހައްދުގައި ވާ ރުއްގަހަށް ބަދަލު ދީފައި ވާނޭކަމަސް ވެސް އާމިރު ވިދާޅުވި އެވެ. އޭރު ނ އަތޮޅުގައި އަޅަން ނިންމި 3 ޕޮލިސް ސްޓޭޝަން ގެ ތެރެއިން 1 ޕޮލިސް ސްޓޭޝަން އަޅަން ނިންމީ މާފަރުގައި ކަން އާމިރު ފާހަގަ ކުރެއްވި އެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވެ 4 ފަހަރަށް ޕޮލިސް ސްޓޭޝަންގެ ކުރެހުން ބަދަލު ކުރުމަށް ފަހު، މާފަރު ރައްޔިތުންނަށް މި ސަރުކާރުން ދިނީ އަލިފާން ފޮއްޓެއް ކަމަށް އާމިރު ވިދާޅުވި އެވެ. މާފަރު ގައި އަޅަން ނިންމި ޕޮލިސް ސްޓޭޝަންގެ 2 ބުރި އިމާރާތް އެންމެ ފަހުން މަސައްކަތް ފެށި އިރު ބަދަލު ވެފައިވަނީ ޕޮލިސް ޕޯސްޓަކަށް ކަން އާމިރު ވިދާޅުވި އެވެ. އެމްޑިޕީ ސަރުކާރުން މާފަރުގައި މަސައްކަތް ފެށި ކަސްޓަމްސް އިމާރާތުގެ ރިބަން ކަނޑަަން ވެގެން މިނިސްޓަރު އިހުސާނު ވަޑައިގެންނެވި ދުވަހު މިކަމާ ސުވާލު ކުރުމުން، މިއީ ހެދުނު މިސްޓޭކެއް ކަން ގަބޫލު ކުރައްވާ ކަމަށް އެބޭފުޅާ ވިދާޅުވިކަމަށް އާމިރު ވިދާޅުވި އެވެ.
އެންމެ ފަހުން މިނިސްޓަރ އިހުސާނު މިދިޔަ ސަރުކާރުން މަސައްކަތް ފެށި ކަސްޓަމްސް އިމާރާތުގެ ރިބަން ކަނޑަންވެގެން އައި ދަތުރުގަ އެވާހަކަ ދެއްކި. މެމްބަރާ ވެސް އެވާހަކަ ދެއްކި. ވިދާޅުވީ ގަބޫލުކުރަމޭ އެއީ ހެދިފަ އޮތް މިސްޓޭކެއް ކަން. މި ވެރިކަން އައި ފަހުން ޕޮލިސް ސްޓޭޝަންގެ ކުރެހުން ބަދަލުކޮށްފި 4 ފަހަރު. އެންމެ ފަހުން މި ލިބުނީ އަލިފާން ފޮއްޓެއް. ދެ ބުރި އިމާރާތް ދިޔަ ތަނެއް ނޭނގެ. ސަރުކާރުގެ ކޮންމެ ބޭފުޅަކު ވެސް މި ވިދާޅުވަނީ މާފަރަކީ ނ އަތޮޅު ގެ ހަބޭ. އެހެންވީމަ މާފަރުގަ ޕޮލިސް ސްޓޭޝަނެކޭ ހުންނަން ޖެހޭނީ. އެކަމު އަޅަނީ ޕޮލިސް ޕޯސްޓެއް.ނ. މާފަރު ކައުންސިލް ގެ ނައިބް ރައީސް މުޙައްމަދު އާމިރު
މީގެ އިތުރުން އާމިރު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާފަރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އެ ރަށު ވޮލީ ކޯޓުގެ މަސައްކަތް ނިންމާ ފެނާ ނަރުދާމާގެ މަސައްކަތް ވެސް ނިމި، ވެރިކަން ބަދަލުވި އިރު ބާކީ އޮތް މަސައްކަތަކީ ހަމަ އެކަނި ގޭގެއަށް ކަނެކްޝަން ގުޅާލުން ކަމަށް އާމިރު ވިދާޅުވި އެވެ.
އަދި އެމްޑީ ޕީގެ ވެރިކަމުގައި އެ ރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފަށާފައި ވީނަމަވެސް މި ވެރިކަމުގައި އެ މަސައްކަތް ވެސް ކުރިއަށް ދަނީ ފިނިކަހަ ދުވެލީ ގައި ކަން އާމިރު ފާހަގަކުރެއްވި އެވެ.
އާމިރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އެ ރަށު ބޮޑު ފުޓްބޯޅަ ދަނޑުގެ ޓާފް އަޅާ ފެންސް ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އެއަރޕޯޓަށް އެންމެ 63 ހެކްޓަރުގެ ބިން ދީފައި އޮއްވާ، އެމްޑީޕީ ވެރިކަމުގައި އެއަރޕޯޓު ވަށައިގެން ބިން ހިއްކާ ރަންވޭ ވެސް ބޮޑުކޮށްފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ނ. މާފަރުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް އެކަށީގެންވާ ގޮތަށް ނުހިނގާކަން އެ ރަށު ރައްޔިތުން ފާހަގަކުރެ އެވެ. އަދި ނިމިދިޔަ އެމްޑީޕީ ގެ ސަރުކާރުން އެ ރަށުގައި ފަށާފައިވާ މަޝްރޫއުތައް ވެސް މިހާރު މަޑުޖެހިފައިވާ ކަމަށް ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ. އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމް ކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ، ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ.