ސަރުކާރު ހިއްސާވާ ކުންފުނި، ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް ވެފައިވާ ކަން ހާމަ ވެއްޖެ އެވެ. 

މިކަން ހާމަވެފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަފްރާހް އިސްމާއިލް ކުރި ސުވާލަކާ ގުޅިގެންނެވެ. 

އޭނާ ވަނީ ސަރުކާރު ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހޯދުމަށް އެދިފަ އެވެ. އެ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ހިއްސާ ކޮށްފަ އެވެ. 

އެ އޮފީހުން ހާމަ ކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ވެމްކޯ އިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދައްކާފައި ވަނީ މިދިއަ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން 14 މަސް ފާއިތުވި އިރު އެންމެ މަހަކު ވެސް އެ ކުންފުނިން ޕެންޝަނަށް ފައިސާ ދައްކާފަ އެއް ނުވެ އެވެ. 

މިކަމާ ގުޅިގެން ވެމްކޯ ގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީ އިން އެ ކުންފުނީގެ އެމްޑީ މުޖުތަބާ ޖަލީލަށް ގުޅުމުން އެ ސުވާލަށް ޖަވާބު ދެއްވާފައި ވަނީ ވެމްކޯ ގެ މީޑިއާ އޮފިސަރެވެ. މީޑިއާ އޮފިސަރު ވަނީ އެ ފައިސާ ވެމްކޯ އިން ޕެންޝަނަށް ނުދައްކާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. 

އޭނާ ވިދާޅުވީ އެ ފައިސާ ދެއްކުމަށް މަޑުކުރަނީ މާލެ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ލިބެންޖެހޭ 98 މިލިއަން ރުފިޔާ ލިބުމުން، ޕެންޝަނަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާ ޚަލާސް ކުރުމަށް ކަމަށެވެ. އަދި އެ ފައިސާ ހަމަޖެހުމުން ޕެންޝަނަށް ދައްކަން ޖެހޭ ފައިސާ ވެމްކޯ އިން ދައްކާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެގޮތަށް މެއިންލީ ވެމްކޯއަށް އިންކަމް ނުވަތަ އިންވޮއިސް ކުރެވޭ އެއް ތަނަކީ މާލެ ސިޓީ ކައުންސިލް. މިވަގުތު މާލެ ސިޓީ ކައުންސިލުން ވެމްކޯ އަށް ދައްކަން ޖެހޭ 98 މިލިއަން އެބައިން. އެކި ފަހަރު މަތިން ސިޓީ ކައުންސިލަށް ރީޗް ކޮށްގެން ވެސް އަދި ސިޓީ ފޮނުވައިގެން ވެސް އޭތި އަދި މިވީހާތަނަކަށް ނެތް ލިބިފަ އެއް. ސޯ ވީ އާ ވެއިޓިންގ އޭގެން އެއްކޮށް ޕެންޝަން ކްލިއަރ ކޮށްލެވެން އޮތީމަ ވީ އަ ވެއިޓިންގ ވޯ ދެޓް.......ސޯ އިޓް އިޒް އޯލްމޯސްޓް 2 އިޔަރޒް ދެޓް ވީ އާ ރަނިންގ އާފްޓަރ މާލެ ސިޓީ ކައުންސިލް ފޯ ދީސް އިންވޮއިސަސް . ހަމަ ކުރިން ވެސް މި ބުނި ގޮތަށް 998 މިލިއަން އިޒް ސަމްތިންގް ހަމަ ވަރަށް ބޮޑު އެއްޗެއް.
ވެމްކޯ ގެ މީޑިއާ އޮފިސަރު

ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާ އޮތް ނަމަވެސް، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަނަށް ވާ ފައިސާ އުނިކުރާ ކަމަށް އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ބުނެފަ އެވެ. ނަމަވެސް ޕެންޝަން ފަންޑަށް ފައިސާ ޖަމާނުވާތާ އެތައް މަހެއް ވެފައިވާ ކަމަށް ވެސް އެ ކުންފުނިން ރާއްޖެއެމްވީ އާ ވާހަކަ ދެއްކި މީހުން ވަނީ ބުނެފަ އެވެ. 

ޕެންޝަނަށް ފައިސާ ނުދެއްކުމުގެ އިތުރުން  ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއްމުކުރި ކުންފުނިތަކުގެ 2024 ވަނަ އަހަރުގެ ރިޕޯޓަށް ބަލާއިރު، 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓު ނިންމާފައި ނުވާ ކުުންފުނިތަކުގެ ތެރޭގައި ވެސް ވެމްކޯ ހިމެނެ އެވެ. މިކަމާ ގުޅިގެން އެކުންފުނިން މިހާތަނަށް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. 

ވެމްކޯ ގެ އިތުރުން ދެން ފެންޝަން އޮފީހަށް ފައިސާ ނުދައްކާ ކުންފުންޏެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ބިޒްނެސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ) އެވެ. އެކަމާ ގުޅިގެން ރާއްޖެއެމްވީ އިން ސުވާލު ކުރުމުން ބީސީސީ ގެ އެމްޑީ އިބްރާހިމް ޒިޔާއު ވިދާޅުވީ އެ ކޯޕަރޭޝަނުން ޕެންޝަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާ އެއް މިހާރު ދައްކާ ޚަލާސް ކޮށްފައިވާ ކަމަށެެވެ.