ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު، ރާއްޖެ އިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު މުރާޖާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު، ޑރ. އަބްދުالله ޚަލީލް މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި އެވެ.
ޚަލީލް މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
މީކާއިލް ވަނީ ލަންކާގެ 'ޑެއިލީ ނިއުސް' އަށް ސަފީރު މަސްއޫދު އިމާދު ދެއްވި އިންޓަވިއު އެއްގައި ލަންކާ އަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަނުން އިހާނެތިކޮށް ހިތުން ހުއްޓާނުލައިފި ނަމަ ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެކަމުގެ އިންޒާރު ދެއްވާފައިވާއިރު ޑިޕްލޮމެސީ އާއި ބައިލެޓްރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާ ފާޅުގައި އަވައްޓެރި އެހެން ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށައަޅުއްވާފަ އެވެ.
މަސްއޫދު ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ލަންކާ ސަރުކާރަށް ފާޑު ވިދާޅުވެ ގެންގުޅުއްވި ހަރުކަށި ބަސްމަގުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.
ރާއްޖެ އާއި ބަދަހި ގުޅުމެއް ބާއްވަމުންދާ އަވަށްޓެރި ސްރީލަންކާގެ ސަރުކާރަށް އޭނާ ފާޑު ވިދާޅުވެފައި ވަނީ ލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ފާހަގަކުރެއްވުމަށް ފަހުގަ އެވެ. ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ ނިއުސް އަށް ދެއްވި އިންޓަރވިއު އެއްގައި މަސްއޫދު ވަނީ ލަންކާ އިމިގްރޭޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މިކަމާއި ގުޅިގެން މީސްމީޑީއާ ގައި އާއްމުން ބުނަނީ މިއީ ޑިޕްލޮމަސީ އާއި ބީރައްޓެހި އަމަލެއް ކަމަށެވެ. ބައެއް ފަރާތްތަކުން ވަނީ މިއީ ސަރުކާރަށް ލިބޭ ފިލާވަޅެއް ކަމަށް ވެސް ފާހަގަކޮށްފަ އެވެ. ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ނުކުރާ މީހުން މިފަދަ މަޤާމްތަކަށް އައްޔަން ކުރުމަކީ އަގު ނުކުރެވޭ ވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ. ޑިޕްލޮމެޓުން މި މޭރުމުން އަމަލުކުރުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށާއި ވެއްޓެނީ ދިވެހިންގެ އަގު ކަމަށް ވެސް ގިނަ ރައްޔިތުން ބުނެ އެވެ.
މިއީ ރާއްޖޭގެ ފޮރިން ޕޮލިސީ ދޯދިޔާ ވެފައި އޮތް މިންވަރު ރަމްޒުކޮށްދޭ ކަމެއް ކަމަށް މިކަމާއި މެދު ކޮމެންޓް ކުރި ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި ޑިޕްލޮމަސީ ހިންގަނީ ނޫސްތަަކަށް ދޭ އިންޓަވިއު މެދުވެރިކޮށްތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.