ކޯޓުތަކުގެ ފަނޑިޔާރުން މިއަދު ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ދެކެ ބިރުން ކަމަށާ ސަރުކާރާ ދެކޮޅަށް ހުކުމެއް ކުރަން ނުކެރޭ އިރު އަމުރެއް ވެސް ނެރެން ބިރުން ތިބި ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ ގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ ގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގައިގެން އެ ކަން ވެސް ބޭނުން ކުރަނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށެވެ. އެގޮތުން މަޖިލިސް ބޭނުން ކޮށް، ޚުދުމުހުތާރު ވެރިކަމެއް ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މަޖިލީހުގެ ދައުރު ބޮޑު ކަމަށް ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ އެންމެ ފުރަތަމަ ވެސް މަޖިލިސް މެޖޯރިޓީ ލިބުމާއެކު ފުނޑާލީ ސުޕްރީމް ކޯޓު ކަމަށެވެ. އަދި މުޅި ޖުޑީޝީއަރީ މުށުތެރެއަށް ލާފައިވާ ކަމަށާ މިއަދު ކޯޓުތަކުގެ ފަނޑިޔާރުން ތިބީ ސަރުކާރު ދެކެ ބިރުން ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓު ފުނޑާލީމަ މި ވާ އެއްޗަކީ މުޅި ޖުޑީޝީއަރީ ދިޔައީ. ހުރިހާ ފަނޑިޔާރުން އެ ތިބެނީ ބިރުން. އެއްވެސް ފަނޑިޔާރަކަށް ނުކުރޭ ސަރުކާރާ ދެކޮޅަށް ހުކުމެއް ކުރަން ކީއްކުރަން، އަމުރެއް ނެރެން ވެސް ނުކެރޭ. ސަރުކާރުން ބޭނުންވީމަ ސަރުކާރުން ބޭނުން ގޮތަކަށް ހުކުމްތައް ކުރަނީ. އެހެންވީމަ ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނީމަ އެ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ސަރުކާރެއް މިއީ،ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ ގެ ކުރީގެ މެންބަރު އަލީ ހުސައިން
އަލީ ހުސައިން ވިދާޅުވީ މި ސަރުކާރުން މަޖިލީހުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާއިރު ރާއްޖޭގައި ކަންކަން ގޯހުން ގޯހަށް ދަނީ ވެސް މިކަމާ ގުޅިގެން ކަމަށެވެ. އަދި މިއަދު މި އޮތް ނިޒާމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށާ އެކަން ނުވާއިރު ރާއްޖޭގައި އަދުލު އިންސާފު ގެ ނިޒާމެއް ނެތީ ވެސް ސަރުކާރުތަކުން މަޖިލީހުގެ އިތުރުން އެހެނިހެން ބާރު ތަކުގެ ނަހަމަ ބޭނުން ކުރާތީ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.