ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ކޯޗު އަދި އެކްސްކޯ މެމްބަރު ސޮފްވާން އަހުމަދު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި ކުޅުންތެރިން ތަމްރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮފްވާންގެ މައްޗަށް ކުރެވެނީ އަންހެން ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ގުޅުމެއް ހިންގަން އުޅުނު ކަމުގެ ތުހުމަތެވެ. މި ތުހުމަތުތަކާ ގުޅިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ވަނީ ސޮފްވާން، ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ކަމުގެ މަގާމުން އެކަހެރި ކޮށްފަ އެވެ. މީގެ އިތުރުން މި މައްސަލަ އާއި ގުޅިގެން އޭނާ ވަނީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުންވެސް ވަކި ކޮށްފަ އެވެ. 

މީގެ ކުރިން ވެސް ސޮފްވާންގެ މައްޗަށް ކުރެވޭ އެކި ތުހުމަތު ތަކުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އަދި ބައެއް ކުޅުންތެރިން ސޮފްވާންގެ ޝަކުވާ އެސޯސިއޭޝަނާ ހިއްސާކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ. ނަމަވެސް މީގެ ކުރިން ސޮފްވާން އަށް އެސޯސިއޭޝަނުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކުޅިވަރު ދާއިރާގައި މިފަދަ ކަންކަން ހިނގަމުންދާ ކަމުގެ ތުހުމަތުތައް ކުރިން ވެސް ފެންމަތިވެފައިވާއިރު، މިފަދަ މައްސަލަތައް ސީރިއަސްކޮށް ބަލައި ފިޔަވަޅު އެޅުމަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.  ނަމަވެސް މިފަދަ މައްސަލަތައް ހައްލު ކުރުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް އާއްމުން ފާހަގަކުރެ އެވެ.