ބައްޕަ ނިޔާވިއިރު ދޮންމަންމަ ހުރީ ވަރިކޮށްފައި ކަން ސާބިތުކުރަން ދަރިއަކު އެންމެ ފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ހުސްވި ހަފުތާގަ އެވެ.
މައުލޫމާތު ލިބޭގޮތުގައި މި މައްސަލައިގައި ހިމެނޭ ބައްޕަޔަކީ މަޝްހޫރު ވިޔަފާރިވެރިއެއް އަދި ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރިވި ފަރާތެކެވެ. މިއީ ދަށު ކޯޓާއި ހައިކޯޓުގައި ވެސް އާއްމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ކަމުން، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ކޯޓުން ވަނީ ސިއްރުކޮށްފަ އެވެ.
މި މައްސަލަ ފުރަތަމަ ފެމެލީ ކޯޓަށް ހުށަހެޅީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް މީހަކު ނިޔާވުމަށްފަހު ދެމަފިރިއެއްގެ ވަރި ސާބިތުކުރުމަށް ކޯޓުގައި ދައުވާކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ފަސާދައަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް ބުނެ، ފެމެލީ ކޯޓުން އެ މައްސަލައިގެ ދައުވާ ފޯމް ބާތިލުކޮށް މައްސަލަ ނިންމި އެވެ.
އޭގެ ފަހުން ނިޔާވި މީހާގެ ދަރި މި މައްސަލަ ގެންދިޔައީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓުގައި އޭނާ އެދުނީ 2021 ވަނަ އަހަރު ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ ނިޔާވުމުގެ ހަތް ދުވަސް ކުރިން، ދެ ފިރިހެނުން ހެކިކޮށް އޭނާގެ އަންހެނުން ވަރިކޮށް އެކަން ޑޮކިއުމެންޓް ކޮށް ސޮއިކޮށްފައިވާއިރު، އެ ވަރި ސާބިތު ކޮށްދިނުމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ބައްޕަ ނިޔާވިއިރު އަނތްބެއް ހުރިކަން ނުވަތަ ނެތްކަން ކަނޑައެޅުމަށް އޭނާގެ ދަރިން ކޮންމެހެން ބޭނުންވީ، ނިޔާވި ބައްޕަގެ ތަރިކައިގެ މައްސަލަ ހިނގަމުންދާތީ އެކަމުގެ ސަބަބުތަކަށްޓަކަ އެވެ. މައްސަލަ ރައްދުވާ އަންހެން މީހާ ފެމެލީ ކޯޓުގައި ބުނެފައި ވަނީ، ވަރީގެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނީ، ފިރިމީހާ ނިޔާވުމުން އޭނާގެ ތަރިކައިން އޭނާ އަށް ނުދިނުމުގެ މަގުސަދުގައި ކަމަށެވެ.
ހައިކޯޓުގައި މައްސަލަ އަލުން އިސްތިއުނާފުކޮށްފައި ވަނީ ވެސް ދަރިންގެ ފަރާތުންނެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި މި މައްސަލައިގައި ރައުޔު ތަފާތުވެފައިވެ އެވެ.
ހައކޯޓުން ވެސް މައްސަލައިގައި ކާމިޔާބެއް ނުލިބުމުން އެންމެ ފަހުން މައްސަލަ މި ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް މި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.