ރަށްރަށުގެ މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަޝްރޫއުތަކުން މި ސަރުކާރު ބޯދަމައިގަންނަން ވެގެން ކަމަށް  ށ. ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ރަށްތަކުގައި ހިންގަން މިހާރު ވެސް ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް މުއިއްޒު ވަނީ މި ފަހުން ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ރާއްޖެއެމްވީ އާ ވާހަކަދައްކަވަމުން ފޯކައިދޫ ކައުންސިލް ގެ ރައީސް އާސިފް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. 

ކޮންމެ މަޝްރޫއުއަކަށް ބެލި ނަމަވެސް އެ ފެންނަނީ މި ސަރުކާރުގެ 'ސްލޯ' ދުވެލި ކަމަށް އާސިފް ވިދާޅުވި އެވެ. އަދި އެއްވެސް ކައުންސިލަކުން ރަށެއްގެ ތަރައްގީ އަށް ހުރަސް އަޅާނެ ކަން އެއީ އެއްވެސް މީހަކު ގަބޫލު ކުރާނެ ވާހަކަ އެއް ނޫން ކަމަށް ވެސް އާސިފް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިހާރު ފެންނަމުން މިދަނީ މި ސަރުކާރުން ކަމެއް ނުކޮށް، ހުރިހާ ކަމެއް ގައި ކައުންސިލަށް 'ބްލޭމް' ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެގޮތަށް ކޮންމެ ކަމެއް ކައުންސިލް ބޮލަށް މުއިއްޒު ސަރުކާރުން ޖަހަނީ އެކަންކަމުން މި ސަރުކާރު ބޯ ދަމައިގަންނަން ކަމަށް ވެސް އާސިފް ތުހުމަތު ކުރެއްވި އެވެ. 

އާސިފް ވިދާޅުވީ ގާނޫނުގައި ވެސް އޮތީ ކައުންސިލުން ކަމަކަށް ހުއްދަ ދިނަސް، ނުދިނަސް، ސަރުކާރު ބޭނުން ނަމަ ކޮންމެ ކަމެއް ވެސް ކުރެވޭ ގޮތަށް ކަމަށެވެ. އެހެން ކަމުން ކައުންސިލާ ހުރެ ކަމެއް ނުވާ ކަމަށް ބުނުމަކީ ހަމަޖެހޭ ވާހަކަ އެއް ކަމަށް އެއްވެސް ދިވެހި ރައްޔިތަކު މިއަދު ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކައުންސިލްތަކުގެ އިހްތިސާސު ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނަސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.

އެ ގާނޫނަށް ސަރުކާރުން ގެނަސްފައިވާ އިސްލާހުގައި ވާ ގޮތުން "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި" ކަމަކަށް ކައުންސިލުން ހުއްދަ ނުދީފި ނަމަ، އެ ހާލަތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ދަށުން ހިންގާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދައާ އެކު އެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއްގެ މަސައްކަތް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ލިބިގެންވެ އެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ރަށްތަކުގައި ހިންގަން މިހާރު ވެސް ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އެކި ރަށްރަށު ގައި ހިންގަން ހަވާލުކޮށްފައިވާ މަޝްރޫއުތައް ހިނގާގޮތް ބަލަމުންދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި މީގެ ތިން މަސް ކުރިން ސޮއި ކޮށްފައި ހުރި މަޝްރޫއުތައް ވެސް ފަށައި ނުގަނެވިގެން އުޅެނީ ކައުންސިލުން އެ މަޝްރޫއު ހިންގަން ހަމަ ޖެހިފައިވާ ބިން ހަވާލު ނުކޮށްގެން ކަމަށެވެ. 

ބޭނުން ވަނީ ކައުންސިލް އިންތިޚާބަށް ފަހު ދެން ބާކީ އޮތް މުއްދަތުގައި އެތައް މަޝްރޫއު އެއް ބާރު ސްޕީޑުގަ ހިންގަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަން ކުރެވޭނީ ކައުންސިލް ތަކުން ސަރުކާރަށް އެއްބާރުލުން ދީގެން ކަން ފާހަގަ ކުރައްވި އެވެ.