ސްޓެލްކޯގެ މެނޭޖިންގެ ޑިރެކްޓަރު ކަމުން ޝަމާހު ރަޝީދު ވަކިކުރި މައްސަލަ އާއި، މިހާރު ލީކުވެގެން އުޅޭ ކޮރަޕްޝަންގެ އޯޑިއޯ މައްސަލާގައި މި ސަރުކާރުން ޖަވާބުދާރީވުމަށް އެމްޑީޕީން ގޮވާލައިފި އެވެ. 

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދާޅުވީ މިސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވި ނަމަވެސް އެކަމުގެ ހަގީގަތް ހާމަ ނުކުރާ ކަމަށާއި، ސަރުކާރުން އެކަންކަން ފޮރުވުމަށް ވަރަށް މަސައްކަތް ކުރާ ކަމަށެވެ. 

ސްޓެލްކޯގެ މެނޭޖިންގެ ޑިރެކްޓަރު ކަމުން ޝަމާހު ވަކިކޮށްފައިވާއިރު، އޭނާ ހިންގި ކަރަޕްޝަންގެ ވާހަކަތައް ބަޔަކަށް ކިޔައިދޭ އޯޑިއޯ އެއް ވެސް ލީކު ވެފައިވާ ކަމަށާއި، ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑް އަޒްހަދު ރަމީޒް ވެސް މަގާމުން ވަކި ކުރިއިރު ބޮޑެތި މައްސަލަތަކެއް ހުރިކަން މިހާރު ރައްޔިތުންނަށް ޔަގީން ކުރެވިފައިވާ ކަމަށެވެ. 

އެހެންކަމުން މިމައްސަލަތަކުގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ ކަމަށާއި، ރައްޔިތުންނަށް މިކަންކަން ސާފު ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިކަންކަމުގައި ސަރުކާރުން ޖަވާބު ދާރީވާން ޖެހޭނެއޭ އަޅުގަނޑު މިދަންނަވަނީ. މިއޯޑިއޯ ގައި ވެސް ވެރިފިކޭޝަން ހަދައި، މިއީ ތެދެއްތޯ ނޫނީ ދޮގެއްތޯ ރައްޔިތުންގެ ކުރިމަތީގައި ހާމަ ކުރެވެން ޖެހޭ. ކީއްވެގެންތޯ އެމްޑީ ވަކިކުރީ އެތަނުގައި ކިހާވަރެއްގެ ކޮރަޕްޝަން ކަންތައްތަކެއްތޯ ހިނގާފައި ހުރީ. އެކަންކަން ރައްޔިތުންނަށް ސާފުވާން ޖެހޭ. ރައްޔިތުންނަށް އެނގޭ އިންތިހާ އަށް ކަރަންޓު ބިލު ބޮޑުވެގެން ދިޔަކަން. އެބޭފުޅުން އިތުރަށް އެއްޗެއް ބޭނުމެއް ނުކުރޭ. ހޫނު މޫސުމުން ފިނި މޫސުމަކަށް ނާދޭ މިސަރުކާރު އައިފަހުން. އެހެންވީމަ މިއަށް ޖަވާބުދާރީވާން ޖެހޭ މިސަރުކާރުން. 
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ 

މީގެ އިތުރުން ޣަފޫރު ވަނީ ކ. އަތޮޅުގައި އޮންނަ މަނިޔަފުށި، ބިޑު ކުރުމަކާ ނުލައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއަރމަން އަދި ވިޔަފާރިވެރިޔާ އާމިރު މަންސޫރަށް ވިއްކާލާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އާއި އާމިރު މަންސޫރު ދެއްކެވި ވާހަކަ ދިމަލެއް ނުވި މައްސަލަ ވެސް ފާހަގަކުރައްވާފަ އެވެ.

މިއީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިމައްސަލަ ވެސް ރައްޔިތުންނަށް ސާފު ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ، 

ހަމައެއާއެކު ރާއްޖޭގެ އެކިތަންތަނުގައި ހިނގަމުން މިދާ ބޮޑެތި ވައްކަންތަކާ ބެހޭ ގޮތުން މީހުން ވަކި ކުރުމަށްފަހު ނޫނިއްޔާ މީހުން ހައްޔަރު ކުރުމަށްފަހު ރައްޔިތުންނަށް އޭގެން އެއްވެސް މައުލޫމާތެއް ފޯރުކޮށްފައި ނުވޭ މިހާތަނަށް. ފޯރު ކުރެވެން ޖެހޭނެ. އެކަން ހިނގާ ދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ. އެހެން ނަމަވެސް އޭގެން އެއްވެސް ކަމެއް ކޮށްދީފައިނުވޭ. އެހެންވީމަ މިހުރީ ސަރުކާރުގެ ހުދުމުހުތާރުކަން ހުރި މިންވަރު. މިކަންކަން މިހެންދާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ވަރަށް އުދަނގޫވާނެ މިތަނުގައި ޑިމޮކްރަސީ އުސޫލުން ކަންކަން ކުރަން.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ 

ޣަފޫރު ވިދާޅުވީ ގައުމުގައި ހިންގާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކުގައި ސަރުކާރުން އަމަލުކުރާ ގޮތަށް ރައްޔިތުން ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި މިހުރިހާ ކަމަކަށް ބެލުމަށްފަހު ކުރިއަށް އޮތް އިންތިޚާބު ތަކުގައި ވސްނުންތެރިކަމާއެކު ރައްޔިތުން ގޮތް ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.