ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް ކަމަށާއި، ބާރުގެ ބޭނުން ކޮށްގެން ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް  ރިޔާސީ އިންތިޚާބުގެ ދެވަނަ ދައުރެއް ނުލިބޭނެ ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިބްރާހިމް ރަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް ކަމަށާއި، ގައުމާ ވެރިކަން ހިންގަން ޖެހޭ އުސޫލުތަކާއި ގޮތްތައް ލިޔެފައިވާ ފޮތެއް ދިން ނަމަވެސް އެއަށް ވެސް ބެލުމެއް ނެތް ކަމަށެވެ. ގާނޫނު އަސާސީއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެ ފޮތަށް ވެސް އިހުތިރާމް ނުކުރާ ކަމަށާއި، ހިތުހުރި ގޮތަކަށް އެފޮތަށް ވެސް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުން މިހާރު ގާނޫނާ ހިލާފަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތް އިބްރާހިމް ރަޝީދު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަށް މަސައްކަތް ކުރަނީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ނުލިބޭނެކަން ޔަގީންވުމުން ކަަމަށެވެ.  އަދި ވިދާޅުވީ ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް ގައުމު ހިންގަން ދެވަނަ ފުރުސަތެއް ރައީސް މުއިއްޒަށް ރައްޔިތުން ނުދޭނެ ކަމަށެވެ. 

މިސާލަކަށް ބަލާ ދެ އިންތިޚާބު އެއްކޮށްލާ ވާހަކަ އެ ދެއްކީ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ކުރާނެ އިންތިޚާބުތައް ނުވަތަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުތައް ބާއްވަން ޖެހޭ މުއްދަތާ އުސޫލުތަކެއްް. އެއަށް ބަދަލު ގެންނަ ކަމަށްވަންޏާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފުރަތަމަ ދާން ޖެހެނީ. މިހާރު އަނެއްކާ ފާސް ކޮށްފައި ވޯޓަކަށް ދާ ގޮތަކަށް ނޫން އޮންނާނީއެއް. މިހާރު އެވާ ގޮތަކީ ހުރިހާ ފިކުރެއް އެހުރީ ދެ އިންތިޚާބު އެއްކޮށްލައިގެން ވެސް ދެން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ވިސްނުމަކަށް އެ ގެންދަނީ އެގޮތް މިގޮތް ހަދައިގެން ނަމަވެސް. އެކަމަކު ދެ އިންތިޚާބެއް ނޫން ހުރިހާ އެއްޗެއް އެއްކޮށްލައިގެން ވެސް ނެތް އިންތިޚާބެއް ކާމިޔާބުވާނެ އެއްވެސް ގޮތެއް ނުފެނޭ.
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

މީގެ އިތުރުން އިބްރާހިމް ރަޝީދު ވަނީ ވެރިކަން ކުރާ ސިޔާސީ ޕާޓީ ޕީއެންސީއަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ ފިކުރުގެ ތެރޭގައި ވެސް ގޮތެއްފޮތެއް ނެތް ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ގިނަ ފައިސާ ހޯދުމަށްޓަކައި އެ ޕާޓީއަށް މީހުން ރަޖިސްޓްރީކޮށް، އެންމެ ބޮޑު ޕާޓީ ކަމަށް ކަނޑައަޅާފައިވަނީ އޮޅުވާލައިގެން ކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީގެ ޖަގަހަ އާއި އޮފީސް އިމާރާތްކޮށް، އެތަން ހުޅުވާފައިވަނީ ވެސް ގަވާއިދާ ހިލާފަށް ކަމަށެވެ. 

އިބްރާހިމް ރަޝީދު ވިދާޅުވީ ޕީއެންސީ ފިކުރާއެކު އެއްވެސް ކަމެއް ރަނގަޅު ނުވާނެ މަންޒަރު ރައްޔިތުންނަށް މިހާރު ފެނިފައިވާ ކަަމަށެވެ. ގައުމުގެ އެންމެހައި ކަންކަން ހިންގަމުން ދަނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށާއި، ހަރުދަނާ ހުރިހާ ނިޒާމެއް ހަލާކު ކޮށްލާފައިވާ ކަަމަށެވެ. އަދި މިހާރު ގައުމު އޮތީ އެންމެ ބޭފުޅެއް ބޭނުންވާ ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ގޮތެއްފޮތެއް ނެތުމުން ގައުމަށް ވާނެ ހުރިހާ ގޮތެއް މިހާރު ވަމުންދާ ކަމަށާއި، ގައުމުގެ ފޭރާން ހަލާކުވަމުންދާ ކަަމަށެވެ.