ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން ހައްޔަރު 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށް އެކަކު 15 ދުވަހަށް ބަންދުކޮށްފި އެވެ. 

ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ޝެވޯނާ، ޝައްފާޙް ލަޠީފް (28އ) އާއި ގއ. ވިލިނގިލި / މިޔުޒިކީއާގެ، އަޙްމަދު މަދީޙު (33އ) އާއި ގއ. ވިލިނގިލި / އައިޒަން، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި ގއ. ވިލިނގިލި / އަރާއިރުގެ، ނޫރުއްނިޡާމް (35އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސް ކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިގެންސްއާއި ޑްރަގް އެންފޯސްމަންޓު ވިންގު ގުޅިގެންނެވެ.

އޮޕަރޭޝަން އަލިމަގަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.