ބ. އޭދަފުށީ ކައުންސިލުން އެ ކައުންސިލަށް 2 ޓަނުގެ ޕިކަޕެއް ގަންނަން ދެއްކި އެޑްވާންސް ފައިސާ އަނބުރާ ލިބިފައި ނުވާ އިރު، ޕިކަޕު ވެސް ނުލިބޭ ކަމަށް އެ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

އޭދަފުށީ ކައުންސިލްގެ އޮޑިޓުގައި ބުނެފައިވަނީ ކައުންސިލް އިދާރާ އަށް 2023 ވަނަ އަހަރު 2 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކުރުމަށް، 480،000 ރުފިޔާ އަށް ކުންފުންޏަކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު ޕިކަޕް ސަޕްލައިކުރުމުގެ މުއްދަތު އިތުރުކޮށް މަސައްކަތް ނިންމަންޖެހޭ މުއްދަތަށް ނިންމާފައި ނުވާތީ 15 އޮގސްޓް 2023 ގައި ކައުންސިލުން އެއްބަސްވުން ބާތިލު ކުރިކަމަށް އެފަރާތަށް އެންގި ކަމަށެވެ. 

އަދި މަސައްކަތުގެ އެޑްވާންސް ފައިސާގެ ގޮތުގައި ކައުންސިލް އިދާރާ އިން އެފަރާތަށް 72،000 ރުފިޔާ ދީފައިވާ އިރު، މި މަސައްކަތަށް އިތުރުކުރެވުނު މުއްދަތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީ އާކޮށްފައި ނުވުމުން އެޑްވާންސް ޕޭމަންޓް ގެރެންޓީގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ ހޯދުމަށް ކައުންސިލް އިދާާއިން އޭދަފުށީ މެޖިސްޓްރޭޓް ކޯތަށް 6 މެއި 2024 ގައި ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. 

އަދި މި މައްސަލައާއި ގުޅިގެން 5 އޮގަސްޓް 2024 ގައި އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން މި ފައިސާ އަކީ މަސައްކަތް ކުރި ފަރާތުން  ކައުންސިލް އިދާރާއަށް ވަގުތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ހުކުމް ކުރި ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އެހެންނަމަވެސް މި ފައިސާ އޮޑިޓް ކުރި ތާރީހު (21 އޮގަސްޓް 2025) ގެ ނިޔަލަށް ވެސް ލިބިފައި ނުވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެޑްވާންސް ފައިސާގެ ގޮތުގައި ދީފައވާ ފައިސާ އިން ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާ އާއި ގުޅިގެން ކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް އެފަރާތުން ފައިސާ ނުދައްކާނަމަ ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް އެދި ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ.