ގއ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު އެ ކައުންސިލްގެ 20 މުވައްޒަފަކަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ އިތުރު ގަޑީގެ ގޮތުގައި ދީފައިވާ ކަމަށާއި، 2 މުވައްޒަފަކު ބްރޭކެއް ނުނަގާ 30 ގަޑި އިރު ވަންދެން އިތުރުގަޑީގައި މަސައްކަތް ކުރުމުން ވެސް ސުޕަވައިޒަރު އެޕްރޫވްކޮށްފައިވާ ކަމަށް އެ ކައުންސިލްގެ އޮޑިޓުގައި ބުނެފި އެވެ. 

ގއ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ބުނެފައި ވަނީ  މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށްފައި ނުވާ ކަމަށެވެ. އޮޑިޓުގައި ބުނީ ސިވިލް ސަރވިސް ގަވާއިދު 2014 ގެ 163 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި އިތުރުގަޑީ ގައި ކުރާ މަސައްކަތަކީ، ރަސްމީ ގަޑީގައި އެކަނި ކޮށްގެން ނިމެން ނެތް ނުވަތަ އިދާރާގެ ފަރާތުން އަންގައިގެން ކުރަންޖެހޭ ހާއްސަ މަސައްކަތްތަކަށް ވާންޖެހޭ ކަމަށެވެ. 

އެގޮތުން 2024 ވަނަ އަހަރު ކައުންސިލް އިދާރާގެ 20 މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާގެ ގޮތުގައި 783،792 ރުފިޔާ އިދާރާގެ ބަޖެޓުން ހަރަދުކޮށްފައިވާ އިރު މިއީ މި މުވައްޒަފުންގެ އަސާސީ މުސާރައިގެ 71 އިންސައްތަ ކަމަށް ފާހަގަ ކުރެވުނު ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. 

އަދި މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދީފައިވަނީ ސުޕަވައިޒަރުގެ އެޕްރޫލްވަލް އާއި އެކީ ކަމުގައިވީ ނަމަވެސް، އޮޑިޓުގެ ތެރެއިން ބެލިބެލުމުގައި އިތުރުގަޑީގެ ގޮތުގައި ލިޔެފައިވާ ގަޑިތަކަކީ ހަގީގަތުގައި ވެސް މަސައްކަތުގައި ހޭދަކުރި ވަގުތުތައް ކަމާއިމެދު ސުވާލު އުފެދޭ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އެގޮތުން އޮޑިޓަރުން ސާމްޕަލް އުސޫލުން ބެލި އިދާރީ ދެ މުވައްޒަފެއްގެ އިތުރުގަޑީގެ ގޮތުގައި އެއް ދުވަހުން ފެށިގެން އަނެއް ދުވަހާ ހަމަ އަށް އެއްވެސް ބްރޭކެއް ނެތި އިތުރުގަޑި ލިޔެ އެޕްރޫވްކޮށްފައި ވާކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. 

އެގޮތުން ސާމްޕަލް ނެގި ދެ މުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފަކު 16 ފެބްރުއަރީ 2024 ވަނަ ދުވަހުގެ މެންދުރު 1:19 އިން ފެށިގެން ޖެހިގެން އައި 17 ވަނަ ދުވަހުގެ ރޭގަނޑު 8:33 އާއި ހަމައަށް 31 ގަޑި އިރާއި 14 މިނިޓުގެ އިތުރުގަޑީގެ މަސައްކަތް ކުރިކަމަށް ސުޕަވައިޒަރު ވަނީ އެޕްރޫވް ކޮށްފަ އެވެ. އަދި ހަމަ އެ މުވައްޒަފު ވަނީ 22 ފެބްރުއަރީ 2024 ގެ ހަވީރު 4:01 އިން ފެށިގެން 23 ވަނަ ދުވަހުގެ ރޭގަނޑު 10:26 އާއި ހަމައަށް 30 ގަޑި އިރާއި 25 މިނެޓުގެ އިތުރުގަޑި ހަދާ ސުޕަވައިޒަރު އެ އިތުރު ގަޑި އެޕްރޫވްކޮށްފައިވެ އެވެ. 

މީގެ އިތުރުން އެހެން މުވައްޒަފަކު 26 އޮކްޓޯބަރު 2024 ގެ ހަވީރު 3:09 އިން 27 ވަނަ ދުވަހުގެ 4:49 އާއި ހަމައަށް 28 ގަޑި އިރުގެ އިތުރުގަޑީގެ މަސައްކަތް ކޮށްފައިވާ އިރު، އެ ވަގުތު ވެސް ސުޕަވައިޒަރު އޮތީ އެޕްރޫވް ކޮށްފަ އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ މުވައްޒަފުން މަސައްކަތް ކޮށްފައިވާ ގަޑިތަކަކީ ހަގީގަތުގައި ވެސް މަސައްކަތް ކޮށްފައިވާ ގަޑިތަކެއްތޯ ޔަގީން ކުރުމަށާއި އިތުރުގަޑީގައި ކޮށްފައިވާ މަސައްކަތްތަކަކީ ރަސްމީ ގަޑީގައި ނިންމާ ނުލެވޭ ފަދަ މަސައްކަތްތަކެއްތޯ ބަލައި އެކަން ޔަގީން ކުރުމަށްފަހު މެނުވީ އިތުރުގަޑީގެ ފައިސާ ނުދިނުމަށް އަންގާފަ އެވެ. އަދި ކައުންސިލް އިދާރާގެ އިތުރު ގަޑީގެ މަސައްކަތްތައް ކުރުވުމާއި މޮނިޓަރ ކުރުމުގައި ގެންގުޅޭ އިންޓަރނަލް ކޮންޓްރޯލްސް ހަރުދަނާ ކުރުމަށް އަންގާފަ އެވެ.