ސްޓެލްކޯ ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު އާދީއްތަ ދުވަހު މަގާމުން ވަކިކުރިތާ ގަޑިއިރުތަކެއް ފަހުން، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑް އަޒްހަދު ރަމީޒް ވެސް މަގާމުން ވަކިކޮށްފި އެވެ.
ޝަމާހު މަގާމުން ވަކިކޮށްފައި ވަނިކޮށް ސޯޝަލް މީޑިއާ ގައި، އޭނާ ވާހަކަދައްކާ ކަމަށް ބުނާ އޯޑިއޯ އެއް ވަނީ ލީކުވެފަ އެވެ. ލީކުވެފައިވާ އޯޑިއޯގައި ކުންފުނީގެ އެތެރޭގައި ހިންގާ ޚިޔާނާތުގެ ހަގީގަތް އެނގޭނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދާއި އިތުރު އެހެން މީހަކަށް ކަމަށް ޝަމާހު ބުނެފައިވެ އެވެ. އޯޑިއޯގައި ޝަމާހު ބުނާ އަޑު އިވެނީ އޭނާ ކުރާ ކަންތައްތައް އެތަނުގެ މީހުންނަކަށް ނޭނގޭނެ ކަމަށާއި އެންމެ ކައިރީގައި ހުންނަ މީހާއަށް ވެސް އޮޅުވާލާފައި ވާނެ ކަމަށެވެ.
އެއްވެސް މީހަކަށް ދޮންކަޅު ވެސް ނޭނގޭނެ ދޯ އޭ އެހެން މީހަކު ބުނުމުން ޝަމާހު ބުނަނީ އަޒްހަދަށް އެނގޭނެ ކަމަށެވެ. އޯޑިއޯ ގައި އެ ބުނާ އަޒްހަދު ޕްރޮކިއުމަންޓް ހެޑްގެ މަގާމުން ދުރުކޮށްފައިވާއިރު، އޭނާ އަދި ސްޓެލްކޯ އިން ވަކި ނުކުރާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ރާއްޖެ އެމްވީ އަސް މައުލޫމާތު ލިބުނު ގޮތުގައި އަޒްހަދު އެ މަގާމުން ދުރުކޮށްފައި މިވަނީ ސްޓެލްކޯ ގެ އެމްޑީ ގެ މަގާމުން ވަކިކުރި ޝަމާހަށް ފަހު، ވަގުތީ ގޮތުން އެ ކުންފުނި ހިންގުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވާރާ ހަވާލުކޮށްފައި ވަނިކޮށެވެ. އަޒްހަދުގެ ބަދަލުގައި ސްޓެލްކޯ ގެ ޕްރޮކިއުމަންޓްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބިއުރޯ ހެޑް އަސްފާ ހުސައިން އާއި އެވެ.
އަޒްހަދު ސްޓެލްކޯއާ ގުޅުނީ މީގެ 10 އަހަރު ކުރިން 2015 ވަނަ އަހަރުގަ އެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު ޕްރޮކިއުމަންޓް އޮފިސަރެއްގެ ގޮތުގައި ހުރި އަޒްހަދު، ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑް ކަމުގެ މަގާމަށް ހަމަޖެއްސީ ސްޓެލްކޯ ގެ އެމްޑީ ކަމުގެ މަގާމުގައި ފަހުމީ ހުންނެވި އިރު އެވެ.
ސްޓެލްކޯ ގެ އެމްޑީ މަގާމުން ޝަމާހު ވަކިކުރި ސަބަބެއް ސަރުކާރުން އަދި ޕްރިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ވެސް ހާމައެއް ނުކުރެ އެވެ. މީގެ އިތުރުން ޕްރޮކިއުމަންޓް ހެޑް އަޒްހަދު ވަކިކުރި ސަބަބު ސްޓެލްކޯ އިން ވެސް ހާމަ އެއް ނުކުރެ އެވެ.