ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ގެ މަގާމުން ވަކި ކުރި އަހުމަދު ޝަމާހު ހިންގާ ޚިޔާނާތުގެ ވާހަކަ ބަޔަކާ ހިއްސާ ކުރާ އޯޑިއޯ އެއް ލީކުކޮށްލައިފި އެވެ.
އެ އޯޑިއޯ ގައި އޭނާ ވާހަކަ ދައްކަމުން ގެންދިޔަ އިތުރު ބަޔަކަށް ކިޔައިދެމުން ގެންދިޔައީ ސްޓެލްކޯ ގައި އޭނާ ވަރަށް މޮޅަށް ހިންގަމުންދާ ވައްކަމާ ޚިޔާނަތުގެ ވާހަކަ ތަކެވެ.
ޝަމާހު ބުނާ އަޑު އިވެނީ އޭނާ ކުރާ ކަންތައްތައް އެތަނުގެ މީހުންނަކަށް ނޭނގޭނެ ކަމަށާއި އެންމެ ކައިރީގައި ހުންނަ މީހާ އަށް ވެސް އޮޅުވާލާފައި ވާނެ ކަމަށެވެ.
އެއްވެސް މީހަކަށް ދޮންކަޅު ވެސް ނޭނގޭނެ ދޯ އޭ އެހެން މީހަކު ބުނުމުން ޝަމާއު ބުނަނީ އަޒްހަދަށް އެނގޭނެ ކަމަށެވެ.
"މަ ބޭނުން މިކުރަނީ އޭނާތާ" ޝަމާއު ބުންޏެވެ.
އޯޑިއޯ ގައި ޝަމާއު ބުނީ އޭނާ ސްޓެލްކޯ ގައި ހިންގާ ޚިޔާނާތް އެނގޭނެ ތިބޭނީ ދެ މީހުން ކަމަށެވެ.
"ސްޓެލްކޯ އިން އަރަހެން މިކުޅޭ ކުޅިވަރު އެނގޭނެ ތިބޭނީ ދެ މީހުން އެއީ އަޒްހަދު އާއި ސާއިދު އާ،" ޝަމާހު ބުންޏެވެ.
އޯޑިއޯ ގައި ޝަމާހު ބުނަނީ، މިޒޫ އަށް ގުޅާފައި ފިހާރަ އެއް ހުޅުވަން ހިނގާށޭ ބުނުމުން "މަ ޑްރީމް ކުރާވަރަކީ އެވަރު" ކަމަށް އޭނާ އަށް ހީވި ކަމަށެވެ.
އޭނާ އެމްޑީ ފިހާރަ އެއް ހުޅުވަނީހޭ އެހުމުން "ހިނގާށޭ ސްޓެލްކޯ ކާލަން" ޝަމާހް ބުނި ކަމަށް އޭނާ އޯޑިއޯ ގައި ބުނެ އެވެ.
އޭނާ "އެމްޑީ އަކަށް ނުވާނޭ" ބުނި ކަމަށް ޝަމާހް ބުންޏެވެ.
ޝަމާހު ބުނީ އެމީހުން އޭނާ "ރޭޓް ކޮށްފައި ވަނީ" ވަރަށް ދަށުން ކަމަށެވެ.
މުޒޫ ގޮސް އަސްމާ ކައިރީގައި އެވާހަކަ ބުނުމުން އެކަން އެމްޑީ އަކަށް ނުވާނެ ކަމަށް އަސްމާ ވެސް ބުނި ކަމަށް ޝަމާހް އޯޑިއޯ ގައި ބުނެ އެވެ.
"އަންހެން ކުދިން ފަހާ ދުވުން ހުއްޓާލައިގެން ނޫންހޯ އެމްޑީ އަށް ކަމެއްވާނި" އަސްމާ ބުނި ކަމަށް ޝަމާހް އޯޑިއޯ ގައި ބުނެ އެވެ.
ސްޓެލްކޯ ގައި މިއުޅޭ ޓޮޕް ލެވެލް ގައި އެމީހުން ނިންމާފައި އިންނަނީ ޝަމާހް އަކީ އަންހެނުންނާ ހެދި މޮޔަވެފައި ހުންނަ މީހެއްގެ ގޮތުގައި ކަމަށް ޝަމާހް ބުންޏެވެ.
ލާރި އަކީ އެއްވެސް ވަރަކަށް އޭނާ ވިސްނާ އެއްޗެއް ނޫން ކަމަށް އެމީހުންނަށް ވިސްނިފައި އޮންނަ ކަމަށް ޝަމާހު ބުނެ އެވެ.
"އެކަމު މި މީހުން ނޯށުން ރޯނެ މި ހުރިހާ އެއްޗެއް އިނގޭ ނަމަ." ޝަމާހު ބުންޏެވެ.
އޭނާ އޯޑިއޯ ގައި ބުނަނީ ސްޓެލްކޯގެ އިސް މީހުންނަށް އޭނާ އަކީ ވައްކަމާ ޚިޔާނާތުގެ ރޮނގުން ޕީއެޗްޑީ ހަދައިގެން ހުރި މީހެއް ކަމެއް ނޭނގޭ ކަމަށެވެ.
އޯޑިއޯ އާ ބެހޭ ގޮތުން ޝަމާހު ގެ ބަހެއް ހޯދުމަށް މި ނޫހުން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ.
ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މަގާމުން އޭނާ ވަކި ކުރީ އާދިއްތަ ދުވަހު އެވެ.
ޝަމާހު ވަނީ މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭރު އޭނާ އެ މަގާމުން ވަކި ކުރީ ބޮޑެތި ތުހުމަތެއްކޮށް، އެއްމަސް ވަންދެން ސަސްޕެންޝަނުގައި ބެހެެއްޓުމަށް ފަހުގަ އެވެ.
ސްޓެލްކޯގެ ވެރިކަން އޭނާ އަށް ރައީސް މުއިއްޒު ދެއްވުމުގެ ކުރިން ހުރީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.